''އެކްސަސައިޒް އެކުވެރިން 2018'' ގައި ބައިވެރިވާ އިންޑިއާ އަސްކަރިއްޔާގެ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ ސިފައިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިމަހު 15 އިން 27 އަށް އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ތަމްރީނަކީ އެކްސަސައިޒް އެކުވެރިންގެ 9 ވަނަ ތަމްރީނު ކަމަށެވެ. މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 45 ސިފައިންން ކަމަށާއި، ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.
އެމްއެންޑީއެފުން ބުނީ މި ތަމްރީނަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އެކްސަސައިޒެއް ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯޓަރ ބޯން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނުތަކާއި، އަސްކަރީ އިތުރު ތަމްރީނުތައް ކަމަށެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާފިލާފުށީގެ އިތުރަށް ޅ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ބާއްވަމުންދާ، އެކްސަސައިޒް އެކުވެރިންނަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގައުމެއްގައި ބާއްވަމުންގެންދާ އެކްސަސައިޒެކެވެ. މި އެކްސަސައިޒް މިއަހަރު ރާއްޖޭގައި ބާއްވާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2017" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ އިންޑިއާގެ މެޑްރާސްގަ އެވެ.