މާލެ ސިޓީ ކައުންސިލްގެ ދަށުން ހިންގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ، ޑަބްލިޔުޑީސީ ކޮމެޓީގެ އިންތިޚާބު ހޮނިހިރު ދުވަހު އޮންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މިއީ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ކޮމެޓީއެއް ކަމަށާއި، މިކޮމެޓީއަށް މެންބަރުން އައްޔަންކުރުމަށް ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ މިއިންތިޚާބުގައި ވޯޓުލާނީ ހަމައެކަނީ މާލޭގެ އަންހެން ކަނބަލުން ކަމަށެވެ.
ޝަމާއު ވިދާޅުވީ ހޮނިހިރު ދުވަހު މިވޯޓުގެ ކަންތައްތައް ކުރިއަށްދާނީ ބައެއް ދާއިރާތަކުގައި ކަމަށާއި، ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ 7 ދާއިރާއެއް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ވޯޓުލުމުގެ ހުރިހާ ކަމެއް ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކަމަށާއި، ހުޅުމާލޭގައި ވޯޓުލުމުގެ ކަންތައް ކުރިއަށްދަނީ ހުޅުމާލެ ގާޒީ ސްކޫލުގައި ކަމަށެވެ.
"މާލޭގައި ވޯޓުލާންޖެހޭ ދާއިރާތަކަކީ މާފަންނު ހުނޅަގު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ އަދި ގަލޮޅު ދެކުނު ދާއިރާ ގަލޮޅު އުތުރު ދާއިރާ، މައްޗަން ގޯޅި މެދު އަދި މައްޗަން ގޯޅި އުތުރު. މިދާއިރާތަކުގެ އަންހެނުން ކަނބަލުން ނުކުމެ ވޯޓުލާން މިއޮންނަނީ ވަރަށް ކުޑަ ވަގުތުކޮޅެއް." ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ ވީހާ ވެސް ގިނަ އަންހެން ކަނބަލުން ނުކުމެ މިވޯޓުގައި ބައިވެރިވުމަށް އެދޭ ކަމަށާއި، މިއިންތިޚާބު ކަންތައް ކުރިއަށް ދާނީ އާންމު އިންތިޚާބުތަކުގެ ގަވާއިދާއި އެއްގޮތަށް ކަމަށެވެ.
މިއިންތިޚާބާއި ބެހޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާ ކައުންސިލަރު ހަމްނާ ވަޙީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ދަށުން އަންހެނުން ބާރުވެރިކުރުވައި ހިންގާ ޑަބްލިޔުޑީސީ ކޮމެޓީއަކީ މީގެ ކުރިން ވެސް އޮންނަ ކޮމެޓީއެއް ކަމަށާއި، ނަމަވެސް މިފާއިތުވި ފަސް އަހަރު މިކޮމެޓީން މަސައްކަތްތައް ނުކުރެވުނީ ސިޓީ ކައުންސިލްގެ ބާރުތައް ކަނޑުވާލާފައިވާތީ ކަމަށެވެ. ނަމަވެސް ވެރިކަމަށް އައި ބަދަލާއެކު މިހާރު ބާރުތައް ލިބި އަންހެނުން ބާރުވެރި ކުރުމަށް މިކޮމެޓީ މެދުވެރިކޮށް ގިނަ މަސައްކަތް ކުރެވޭނެ ކަމަށެވެ.
އެގޮތުން މިކޮމެޓީން ކައުންސިލްތަކުން މިކުރާ މަސައްކަތްތަކާއި، ރަށްވެހިކަމުގެ މަސައްކަތުގައި ކައުންސިލްތަކަށް ލަފާ އެރުވުމާއި މައުލޫމާތު ދިނުން ހިމޭނެ ކަމަށް ހަމްނާ ވިދާޅުވިއެވެ. އަދި އަންހެނުންނާއި ބެހޭ ގިނަގުނަ މައުލޫމާތައް އެއްކުރުން ވެސް ހިމެނޭ ކަމަށާއި، މަތީ ތައުލީމަށް އަންހެނުންނަށް ބާރު އެޅުމާއެކު، މަތީ ތައުލީމު ހާސިލްކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރާނެ ހަމްނާ ވިދާޅުވިއެވެ.
މީގެ އިތުރަށް ދީނީ ކަންކަމަށް އަންހެނުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އަންހެނުން ސިއްހީ ހާލަތު ރަނގަޅު ކުރުމާއި، އަންހެނުންގެ ސިއްހީ މައުލޫމާތު ހޯދައި، އެމައުލޫމާތު ފޯރުކޮށްދިނުން ހިމެނޭ ކަމަށް ހަމްނާ ވިދާޅުވިއެވެ.
"މިކަހަލަ ބައިވަރު މަސައްކަތްތަކެއް ކުރެވިގެންދާނެ. އޭގެ އިތުރަށް އަންހެނުން އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތައް އެކަނބަލުންނަށް އެމަސައްކަތްތައް ފަހިކޮށް ދިނުމަށް އެމަސައްކަތްތަކުގައި ކުރިއަށްދާނެ ގޮތަށް ހޯދައިދިނުމާއި ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭ. ހަމައެއާއެކު ސިޔާސީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަންހެނުން ކަނބަލުންނަށް އެފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ" ހަމްނާ ވިދާޅުވިއެވެ.
ހަމްނާ ވިދާޅުވީ ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެން ބޭފުޅުންނަށް ޑަބްލިޔުޑީސީ ކޮމެޓީން ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށާއި، އެދާއިރާއަކުން ކޮމެޓީއަށް އިންތިޚާބުވާ މެންބަރާއި މަޝްވަރާ ކޮށްގެން ދާއިރާއަށް ނުކުތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
"ބޭނުންވަނީ މިއިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބުތަކަކަށް ހަދަން. މިފަހަރު އަޅުގަނޑުމެންގެ މި 15 ދާއިރާގެ ތެރެއިން 6 ދާއިރާއަކަށް އެންމެ އަންހެން ކަނބަލެއް ލާފައިވާތީ 6 ދާއިރާއަށް މިވަނީ އޮޓޯއިން ހޮވިފަ. ނަމަވެސް ކުރިއަށް މިއޮތް އިންތިޚާބުތަކުގައި އަޅުގަނޑުމެން އުންމީދު ކުރަނީ 15 ދާއިރާއަށް ވެސް ގިނަ އަންހެން ކަނބަލުން ވާދަކޮށް، މިއަންހެނުންގެ ކޮމެޓީއަކީ އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކޮމެޓީއަކަށް ވެގެންދިއުން." ހަމްނާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00އަށްށެވެ. ވޯޓުލައި 30 މިނިޓް ފަހުން ވޯޓު ގުނައި އެއްގައިރު ތެރޭގައި ނަތީޖާ އިއުލާން ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.