ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ ނުވަތަ މެޑިކަލް ވިސާ ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، އިންޑިއާގައި ތިބެގެން މެޑިކަލް ވިސާއަށް ބަދަލުކުރެވޭ ގޮތަށް އިންޑިއާ ސަރުކާރާއިއެކު އެއްބަސްވާން އުޅޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް މެޑިކަލް ވިސާއަށް ބަދަލުކުރުމުގައި އެހީތެރިއެއްގެ ގޮތުގައި ހުންނާނެ މީހަކަށްވެސް ވިސާ ލިބޭނެއެވެ. ވިސާގެ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް މިމަހުގެ 17 ވަނަ ދުވަހު އިންޑިއަށް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރައްވާ ވިސާގެ އައު އެއްބަސްވުމުގައެވެ.
ފާއިތުވި 7 އަހަރު އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ގޯސް، ވިސާގެ ދަތިތަކެއް ދިމާވެގެން ދިޔައިރު، މެޑިކަލް ވިސާއާއި ނުލައި ސިއްހީފަރުވާ ހޯދުމަށް އިންޑިއާއަށް ނުދެވެއެވެ. އަދި ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، މެޑިކަލް ވިސާ ބޭނުންވާނަމަ، މެޑިކަލް ވިސާ ނަގަން ޖެހެނީ އިންޑިއާއިން ބޭރުވުމަށްފަހު އައު ވިސާއެއް ގޮތުގައެވެ.
ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާގެ ޚިދުމަތް އިންޑިއާއިން ހޯދާއިރު، ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށްވެސް ވިސާގެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ދިގު މުއްދަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށާއި، އެފަރާތްތަކުގެ އެހީތެރިންނަށްވެސް ދިގު މުއްދަތުގެ ވިސާ ހަމަޖެހިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.
ވިސާގެ އެއްބަސްވުމުގެ ތަފްޞީލެއް ފޮރިންގ މިނިސްޓްރީއިން އަދި ހާމަކޮށްފައި ނުވިނަމަވެސް، ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއް ޓްވީޓެއްގައި ހުކުރު ދުވަހު ވިދާޅުވީ އިންޑިއާއިން ވިސާގެ ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބޭ އެއްބަސްވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ސޮއެކުރެވޭނެކަމަށެވެ.
މި އެގްރިމެންޓްގައި ސޮއެކުރެވޭނެކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ޚާރިޖީ ވަޒީރު ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. އަދި ނިމިދިޔަ ހަފްތާގައި މާލޭގައި ކުރިއަށްދިޔަ އިންޑިއާ މޯލްޑިވްސް ކޮންސިއުލަރ ޓޯކްސްގައި ވިސާގެ ކަންތައްތަކާއި ބެހޭ ގޮތުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލުންނާއި ވަނީ މަޝްވާރަކުރައްވާފައެވެ.
ސިއްހީ ފަރުވާގެ ކަންކަމަށްދޭ ވިސާގެ ލުއިތަކުގެ އިތުރުން، ތައުލީމު ހާސިލްކުރުމަށް އިންޑިއާއަށް ދިޔުމުގައިވެސް ބޮޑެތި ލުއިތަކެއް ވިސާގެ އައު އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށް ރާއްޖެ.އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.