ޕީޕީއެމް އިން ޕްރައިމަރީއަކާ ނުލައި މަޖިލީހުގެ ޓިކެޓް ދީފައިވާ ކުރީގެ ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ އާ މެދު ފިޔަވަޅުއެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ޕީޕީއެމްއެމްގެ ނާއިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އެހެން ވިދާޅުވެފައި ވަނީ ދާދިފަހުން ޝައިނީ އާއި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު އާއި ބައްދަލު ކުރެއްވުމަށް ފަހު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު ދައްކަވާ ވާހަކަ ޤަބޫލުކުރެވޭ ކަމަށް ޝައިނީ ވިދާޅުވެފައި ވަނިކޮށެވެ.
މީގެ އިތުރުން، ހުކުރު ދުވަހު "އަވަސް" އޮންލައިން އަށް ދެއްވި އިންޓަރވިއު އެއްގައި ވާހަކަ ދައްކަވަމުން ޝައިނީ ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދެއްވި ޑޮލަރުތަކެއްގައި ހިއްޕެވި ކަމަށާއި އެއީ ލޯނެއްގެ ގޮތުން ގަބޫލުކުރި ފައިސާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ އެކި ކަންކަމާ ހެދި ޕީޕީއެމް ލީޑާޝިޕްގެ ހުރިހާ ބޭފުޅުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަބާވުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޝައިނީއާ ދޭތެރޭގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށާއި، ނަމަވެސް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ޕީޕީއެމްގެ ތެރޭގައި ދަނީ މަޝްވާރާ ކުރެވެމުން ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް އިން ކުރިމަތިލާ ފަރާތްތަކަށް ހުރަސްތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.