މިއަދަކީ މިނިވަންކަން ލިބުނު ފުރަތަމަ ދުވަސް ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖަލުގައި ނަގާފައިވާ ސެލްފީއެއް އާންމު ކުރައްވައިފިއެވެ.
ޖަލުގައި ނަގާފައިވާ ސެލްފީއާއެކު ނަގާފައިވާ ފޮޓޯއާއެކު ނާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ އޭނާ އަށް މިނިވަންކަން ލިބުނު ފުރަތަމަ ދުވަސް ކަމަށާއި, އެހެންކަމުން މިއަދު އާއިލާއަށާއި, ރަހުމަތްތެރިންނަށް އަދި ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ނާޒިމް ޓްވީޓް ކުރެއްވި ފޮޓޯ އިން ފެންނަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ތޮލްހަތު އިބްރާހިމް ކަލޭފާނާއި މިހާރުގެ ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ އެވެ.
Today, on my first day of freedom I would like to thank my family, friends and loyal constituents of Dhiggaru Dhaairaa. Also my jail buddies seen here. We suffered together and we were there for each other. Allah answered our prayers. pic.twitter.com/izIYfj1sxQ
— Ahmed Nazim (@MP4Dhiggaru) December 14, 2018
މިފޮޓޯއަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ މިފޮޓޯގައި މިތިއްބެވީ ޖަލުގެ އެކުވެރިން ކަމަށާއި، ހުރިހާ ކަމެއް ތަހައްމަލު ކުރީ އެކުގައި ކަމަށެވެ. ޖަލުގައި ތިއްބެވި އެކަކު އަނެކަކަށްޓަކައި ގުރުބާންވެގެންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މިއަދު އެމީހުން ކުރި ދުއާ އިޖާބަ ކުރައްވައިފި ކަމަށެވެ.
މީގެ އިތުރަށް ނާޒިމް ވިދާޅުވީ ޝައިހާއި ޓްރޭނިން ވެފައި ތިބި އަސްކަރީ ދެއޮފިސަރުންނާއި އިންޖިނިއަރެއް ކަމަށްވާ އޭނާ ބަންދުކޮށް އިންސާނީ ޙައްޤުތަކުން މަހްރޫމް ކުރުމުން ވެސް އެބޭފުޅުންގެ ރޫހު މަރާނުލެވުނު ކަމަށެވެ.
Our Sheikh, 2 military trained officers and & myself The Engineer. Locked and humiliated we were, but our fighting spirit never waned. pic.twitter.com/zy9MX3mf1d
— Ahmed Nazim (@MP4Dhiggaru) December 14, 2018
ނާޒިމް އާންމު ކުރެއްވި ފޮޓޯ އިން ފެންނަނީ ޖަލުގެ ކުޑަ ގޮޅިއެއް ނޫނެއެވެ. އެއީ ރަނގަޅު ފެންވަރަށް ހަދާފައިވާ ބޮޑު ކޮޓަރިއެކެވެ.
ސުޕްރީމް ކޯޓުން އިއްޔެ އަހްމަދު ނާޒިމާއި, މުހައްމަދު ނާޒިމް މިނިވަން ކުރެއްވިއިރު, ކުރިން ވަނީ ތޮލްހަތާއި, އިމްރާން މިނިވަން ކުރައްވާފައެވެ.