ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފިއެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒު ކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުންނެވެ. ފްރީޒުކޮށްފައި ވަނީ ޔާމީންގެ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އެކައުންޓެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ ކައުންޓުތައް ފްރީޒު ކުރަން ކޯޓުން އަމުރު ކުރި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރަން ކޯޓުން އަމުރު ކުރީ ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލި މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.
ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒު ކުރަން ކޯޓުން ކޯޓުން އަމުރުކޮށްފައި ވަނީ މާދަމާ މެންދުރުފަހު 2:00ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނިކޮށެވެ. އެމަނިކުފާނު ފުލުހަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޔާމީންގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލާގައެވެ. އަދި ރިޔާސީ އިންތިޚާބާ ކައިރިވެފައި ވަނިކޮށް، ޔާމިންގެ އިސްލާމިކް ބޭންކު އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި ފަސާދައާ ގުޅިގެން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަންކަން ސާބިތު ނުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ޔާމީންގެ ވެރިކަމުގައި ވަނީ ހިޔާނާތްތެރިވެފައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ހިންގި އެ ކޮރަޕްޝަންގެ ފައިސާގެ ތެެރެއިން 80 މިލިއަން ޑޮލަރު ޔާމީންގެ ގެކޮޅަށް ގެންގޮސް ވަކި ކޮޓަރިއެއްގައި ގުނި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ. ގ. ދޫވެހީގައި ހުންނަ އެ ކޮޓަރިއަކީ ފައިސާ ގުނުމަށް ހާއްސަ ކޮށްފައި ހުންނަ ކޮޓަރިއެއް ކަމަށާއި އެ ކޮޓަރީގައި ރައީސް ޔާމިން ފައިސާ ގުނުއްވަނީ ބަންގްލަދޭޝް މީހަކާ އެކުގައި ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެމްއެމްޕިއާރްސީގެ ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށެވެ.