ތެދު ބުނުމަކީ ތިމާއަށް އޭގެ ސަބަބުން ގެއްލުން ލިބޭނެ ކަމެއް ކަމަށް ހީކުރެވުނު ކަމުގައިވިޔަސް އެއީ ހަޤީޤަތެއް ނޫން ކަމަށާއި، ތެދުވެރި މީހެއް ނަމަ އެއްވެސް މީހަކަށް މަކަރެއް ނުހަދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ތެދުވެރިކަމާއި އަމާނަތްތެރިކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި އެމީހެއްގެ ބަހާއި އަމަލު ދިމާކޮށް، ހަވާލުކުރެވޭ ކަންކަން ފުރިހަމައަށް ނިންމުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ދައްކާ ވާހަކައިގައި ތެދުވެރި ވުމަކީ ކުރާ މަސައްކަތުގައިވެސް ތެދުވެރި ވުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި ތެދުވެރި ކަމުގެ އިތުރުން އަމާނަތްތެރި ކަމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ތެދުވެރިކަމާއި، އަމާނަތްތެރި ކަމަކީ ގުޅި ލާމެހިފައިވާ ދެ ސިފަ ކަމަށާއި، އަމާނަތްތެރި ކަމަކީ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ދަރަންޏެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އަމާނަތްތަކަށް ހައްޤު ގޮތުގައި ރައްކާތެރި ވުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.
ތެދުވެރިކަމާއި އަމާނަތްތެރި ކަމުގެ ސަބަބުން މީހުން ތިމާއަށް ކުރާ އިތުބާރު ބޮޑުވާނެ ކަން ބަޔާންކުރަމުން ޚުތުބާގައި ބުނެފައިވަނީ، އަމާނަތްތެރި ވެއްޖެނަމަ ޚިޔާނާތާއި، ކެހި ދިނުމާއި، ދޮހު ހެދުން ފަދަ ނިފާޤުތަކުން އެމީހަކު ސަލާމަތް ވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި އުފާވެރިކަން ޤާއިމުވެގެން ދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އިސްލާމީ މަރުކަޒުގައި މިއަދުގެ ޚުތުބާ ދެއްވާފައިވަނީ ޝެއިޙް އިލްޔާސް އެވެ. އެއީ ހަތަރު އަހަރަށްފަހު އިސްލާމީ މަޒުކަޒުގައި އިމާމުވެ، އިލްޔާސް ހުކުރު ކުރައްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވީ މިއަދު މުޅި ރާއްޖޭގައި ކިޔާފައިވާ ހުކުރު ޚުތުބާއަކީ އަމިއްލަފުޅަށް ލިޔުއްވެވި ޚުތުބާއެއް ކަމަށެވެ.