ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެކައުންޓަށް ފައިސާ ވަދެފައިވާ މައްސަލާގައި ކަމަށް އެމަނިކުފާނު ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބު ރައީސާކަން ވެސް ކުރައްވާ އާޒިމާ އޭނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ އެކައުންޓަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފައިސާ ވަދެފައި ވާތީ އެ މައްސަލަ ބަލަން ކަމަށާއި އެ އެކައުންޓަކީ ރިޔާސީ އިންތިޚާބުގެ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން އިލެކްޝަންސް ކަމިޝަނަށް ޑިކްލެއަރ ކުރެއްވި އެކައުންޓެއް ކަމަށެވެ. އެ އެކައުންޓަށް ޖަމާކުރެވިފައި ވަނީ އިންތިޚާބުގައި ބޭނުން ކުރައްވަން އެކި ގޮތް ގޮތުން ލިބިވަޑައިގެންނެވި ފައިސާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ ހޮނިހިރުި ދުވަހުގެ 2 ޖަހާއިރަށެވެ. ފުލުހުން ބުނެފައި ވަނީ ޔާމީން ޕޮލިހަށް ހާޒިރުކުރަނީ ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަލްޖަޒީރާއިން މީގެ ކުރިން ރިޕޯޓްކޮށްފައި ވަނީ އިންތިޚާބާއި ދިމާކޮށް ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަންް ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ޔަގީންކަން ކޮށްދީފައިވާ ކަމަށެވެ. އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޭރުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވި ސިޓީއަކާ ހަވާލާދީއެވެ. އަލްޖަޒީރާ އިން ބުނީ އެ ސިޓީ އެތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ޖަމާކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުންނަ ރައީސް ޔާމީންގެ އެކައުންޓަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު 648،508 ޑޮލަރު އަދި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޖަމާކުރި 810،635 ޑޮލަރު ކަމަށް އެފްއައިޔޫއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ.
ރައީސް ޔާމީންގެ އަރިސް ބޭފުޅަކާ ހަވާލާދީ ފައިސާ ހޯދާފައި ވަނީ ކިހިނެއްތޯ ބޭންކުން އެހުމުން އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބަށް އަމިއްލަ ކުންފުނިތަކުންނާއި ހެޔޮ އެދޭ ބައެއް ފަރާތްތަކުން އިންތިޚާބަށް ދީފައިވާ ފައިސާ ކަމަށް ބުނެފައިވާ ކަމަށް އެނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. ފުލުހުންގެ އިސްދެ ފަރާތަކުން ވެސް އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ބުނެފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.
ރައީސް ޔާމީން އެތައް ފައިސާއަކަށް ހިޔާނަތްތެރިވެފައިވާ ކަމަށް އެމްއެމްއޭ އިން ތުހުމަތުކޮށްފައިވާއިރު އެމްއެމްޕީއާރްސީގެ ވެސް އެތައް މިލިއަން ޑޮލަރެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެމްއެމްޕީއާރްސީގެ އެތައް ފައިސާއެއްގެ އެމަނިކުފާނު އަމިއްލަގެ ގެކޮޅަށް ވެދެވަފައިވާ ކަމަށް އެމަނިކުފާނު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ވަދެފައި ވެއެވެ. އެ ފައިސާތައް މިހާރު ހުރީ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައެވެ.