މަސްޖިދުލް ޞުލްތާން މުޙައްމަދު ތަކުރުފާނުލް އައުޛަމު (އިސްލާމީ މަރުކަޒު) ގައި މިއަދު ޝެއިޚް އިލްޔާސް ހުސައިން ހުކުރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިލްޔާސް އެންމެ ފަހުން އިސްލާމީ މަރުކަޒުގައި އިމާމުވެ، ހުކުރު ނަމާދު ކުރައްވާފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
އިސްލާމީ މަރުކަޒުގައި މިއަދު އިލްޔާސް ދެއްވާ ހުކުރު ޚުތުބާގެ މައުޟޫއަކީ "ތެދުވެރި ކަމާއި އަމާނާތްތެރިކަން" އެވެ. އިލްޔާސް ރާއްޖެއެމްވީއަށް ވިދާޅުވީ މިއަދު މުޅި ރާއްޖޭގައި ކިޔާ ހުކުރު ޚުތުބާއަކީ އަމިއްލަފުޅަށް ލިޔުއްވެވި ޚުތުބާއެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އިމާމުވެ ހުކުރު ކުރެއްވުމުގެ ހުއްދަ އިލްުޔާސްގެ އަތުން ހިފެހެއްޓެވިއެވެ. އިސްލާމިކް މިނިސްޓްރީން އިލްޔާސްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލް ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވީ ހުކުރު ދުވަހު އަމިއްލަ ފުޅަށް އައްޑޫސިޓީ ފޭދޫ މިސްކިތުގައި ހުކުރު ހުތުބާ ވިދާޅުވި މައްސަލާގައެވެ.
ހުއްދަ ބާތިލް ކޮށްފައި ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދާ ޚިލާފަށް އައްޑޫގައި ޚުތުބާއެއް ދެއްވި ކަމަށް ބުނެ އެވެ. އެދުވަހު ދެއްވި ޚުތުބާގައި އިލްޔާސް ވަނީ ﷲގެ ހުކުމްފުޅުތަކާއި ހިލާފްވެ، މުންކަރާތްތަކަށް އަރައިގަންނަނަމަ އެބައެއްގެ ތެރޭގައި މުސީބާތްތައް އާއްމުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އިލްޔާސް ވަނީ އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ޔާމީންގެ ވެރިކަމުގައި ފުލުހަށް ވެސް ހާޒިރު ކޮށްފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކާމިޔާބުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވީ އިސްލާމް ދީނަށް ލޯބި ކުރައްވާތީ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.