ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕޮލިހަށް ހާޒިރުކުރަނީ ވެރިކަމުގައި ހުންނަވައިގެން ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ކަމަށް ފުލުހުން ބުނެފި އެވެ.
ހިޔާނާތާއި ރިޝްވަތުގެ ތުހްމަތުތައް ކުރެވިފައިވާ ކުރީގެ ރައީސް ޔާމީން ޕޮލިހަށް ހާޒިރުވުމަށް އަންގާފައި ވަނީ ހޮނިހިރު ދުވަހު 2:00 އަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ހާޒިރުކުރަނީ ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ ލޯންޑްރިންގެ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އިން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލަތައް ސާބިތު ނުކުރެވޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.