މައިމީހާގެ ބަނޑުގައި އޮތް ދަރިފުޅު އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލްގެ އިހުމާލުން ނިޔާވި މައްސަލަ ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިދިޔަ ހޮނިހިރު ދުވަހު މާބަނޑު އަންހެނަކާއި މެދު އެހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތުގެ ކަންކަން މިނިސްޓްރީގެ ކޮލިޓީ އެޝުރަންސް އެންޑް ރެގިއުލޭޝަންސް ޑިވިޝަނުން ބަލަމުންދާ ކަމަށެވެ.
އެމިނިސްޓްރީން ބުނީ ސިއްހީ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށް ދިނުމުގައި ދިމާވާ ހާދިސާތަކާއި ގުޅޭ ސިއްހީ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށް ދިނުމުގައި ދިމާވާ ހާދިސާތައް ބަލައި، އެއްވެސް އިހުމާލެއްވޭތޯ ބެލުމާއި، ފިޔަވަޅު އެޅުމާއި، އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ހެލްތު މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓްރީން މިމައްސަލަ ބަލަމުންދާ ކަމަށް ބުނެފައިމިވަނީ މައިމީހާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ކުއްޖާގެ އާއިލާއާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވަނިކޮށެވެ.
އާއިލާއިން ބުނެފައިވަނީ ކުއްޖާގެ މަންމަ ހޮނިހިރު ދުވަހު ޑޮކްޓަރަށް ދެއްކުމަށްފަހު، ސްކޭނެއް ހެދި ކަމަށާއި ސްކޭނުން ކުއްޖާގެ ކަރުގައި އެއްޗެއް ހުރިކަމަށް ދެއްކި ނަމަވެސް އެ މައުލޫމާތު ސްކޭންގެ ރިޕޯޓްގައި ލިޔެފައިނުވާ ކަމަށެވެ.
މިމަހުގެ 9 ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން އަންހެނުންގެ ޑޮކްޓަރަށް އެދުވަހު ދެއްކޭނެ ގޮތެއް ނުވި ކަމަށާއި، މާބަނޑު މީހާ ހޯމަ ދުވަހު ޑޮކްޓަރަށް ދެއްކި ކަމަށް އާއިލާއިން ބުންޏެވެ. ތުއްތު ކުއްޖާގެ ހިތުގެ ވިންދު ވަރަށް ބޮޑަށް ދަށްވެފައި ހުރުމުން ވަގުތުން ސިޒޭރިއަން ހަދަން ޑޮކްޓަރު ނިންމި ކަމަށް އާއިލާއިން ބުނެ އެވެ.
ނަމަވެސް އޮޕަރޭޝަން ތިއޭޓަރުގައި ކުދިންތަކެއް ހިތާނު ކުރާތީ ސިޒޭރިއަން ނުހެދި ގިނަ ވަގުތުތަކެއް ފާއިތުވެގެންދިޔަ ކަމަށާއި، ސިޒޭރިއަން ހެދުނު އިރު ކުއްޖާގެ ކަރުގައި ތިން ފަހަރަށް ފޫޅު އޮޅި ކުއްޖާ އޮތީ ނިޔާވެފައި ކަމަށް އާއިލާއިން ބުނެއެވެ.