ބޭނުންވަނީ އޭނާ ފްރޭމް ކުރުމުގެ ޖަރީމާގައި ބައިވެރިވި މީހުންގެ ތަހްގީގު ހިންގައި އެކަމުގެ އަދަބު ލިބެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް ދިރިއުޅުއްވި ގ. އެނިފްގެ އެޕާޓުމެންޓުގެ ކޮޓަރިން ހަތިޔާރު ފެނުނު ކަމަށް ބުނެ ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ، އެއީ ބަޔަކު އޭނާއަށް އަނިޔާއެއް ދިނުމަށް ކުރި ކަމެއް ކަމަށް ބުނެ ދެއްކެވި ވާހަކައަށް ބާރުލިބޭތީ ކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައި އެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ ހުކުމް ބާތިލް ކުރުމާ ގުޅިގެން ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އޭނާއަށް އަނިޔާ ދިނުމަށް ފުލުހުންގެ މަދު ބަޔަކާއި ކުރީ ސަރުކާރުގެ އިސްވެރިން ބައިވެރިވެގެން ހިންގި ކަންކަން ތަހްގީގުކުރަން ޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ ހޯމް މިނިސްޓަރާއި ފުލުހުންނަށް އެކަމަށް ގޮވާ ލައްވާފައި އެވެ.
"ފުލުހުންގެ މައްޗަށް މިއަދު އެބަ ލާޒިމު ކުރޭ މި ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުން. މިކަން ނުކުރެވިއްޖެ ނަމަ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އަނެއްކާވެސް މި ފަދަ ކަމެއް ދިމާވެދާނެ. ހޯމް މިނިސްޓަރަށާއި އެކްޓިން ޕޮލިސް ކޮމިޝަނަރަށް ގޮވާލަން މި މައްސަލަ ރަނގަޅަށް ތަހްގީގުކޮށް މި ޖަރީމާގައި ބައިވެރި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އަދަބު ދިނުމަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ގެއަށް ހަތިޔާރު ވައްދައިގެން ބަޔަކު މީހުން ހިންގި ކަންކަމަކީ މިހާތަނަށް "ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާ"ކަމަށެވެ. ނާޒިމް ވިދާޅުވީ އޭނާއަށް އަނިޔާދިން މީހުންނާމެދު ހިތް ހަލާސް ކަމަށެވެ.
ނާޒިމްގެ ދިފާއުގައި މަސައްކަތް ކޮށްދެއްވި ބޭފުޅުންނަށް އޭނާ ޝުކުރު އަދާކުރެއްވެވި އެވެ، އެގޮތުން އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ހާއްސަ ގޮތެއްގައި ޝުކުރު އަދާކުރެއްވި އެވެ.