ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް ހަދާ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
އީޕީއޭ އާއި އެންވަޔަރްމަންޓް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އިކޯ ކެއާއިނެވެ.
މައްސަލާގައި އެދިފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް ހަދަން އެ ރަށު ކުޅި ހިއްކުމާ ބެހޭގޮތުން ހަދާފައިވާ އެންވަޔަރްމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ނެތްކަމަށް ކަނޑައަޅައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އީ ކުޅުދުއްފުށީގައި އޮތް ބިމަކާ ގުޅޭ ގޮތުން އުފެދިފައިވާ ހުޞޫމަތެއްގެ މައްޗަށް އުފުލާފައިވާ ދައުވާ އަކަށް ވާތީ ކޯޓުތަކުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ކ) އާއި 70 ވަނަ މާއްދާ އާއި އެ ގާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަމްބަރުގެ (ހ) ގައި ވާ ގޮތުން، މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ.
އީކޯ ކެއާގެ ޑިރެކްޓަ އޮފްް އެޑްވޮކަސީ މައީދު ޒާހިރު ވިދާޅުވީ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރުމަށް އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށެވެ. އަދި ހައި ކޯޓަށް މައްސަލަ ހުށަހަޅާނީ އިތުރު ކަންތައްތަކާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ގުދުރަތީ އެތަށް މުސްހަނދިކަމެއް ލިބިފައިވާ ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާފައިވާއިރު، އެ އާޕޯޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުއްވައިދެއްވާފަ އެވެ.