އެކްޓިންގ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކައެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ އެތެރޭގެ މައުލޫމާތުތަކެއް ހާމަކުރިކަމަށް ތުހުމަތުކޮށްފަ އެވެ.
ހަމީދަށް އަލުން ވަޒީފާ ދިނުމަށް 2013 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމް، 2016 ވަނަ އަހަރު ހައިކޯޓުން ބާތިލުކުރި އެވެ. ހައިކޯޓުން ނިންމީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. .ނަމަވެސް، ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، އަމުރުކޮށްފައި ވަނީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އުސޫލުތަކާ ހިލާފަށް ކަމަށާއި ކުރިން އޭނާ ވަކިކުރި އިރު ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544694661.jpg)
ސުޕްރީމް ކޯޓުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، މި މަހުގެ ހަތަރު ވަނަ ދުވަހު ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ފަހު އޭނާ ހަމަޖެއްސީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިއަކަށެވެ.
ހަމީދު އެކްޓިންގ ޕޮލިސް ކޮމިޝަނަރަކަށް ބުދަ ދުވަހު ހަމަޖެއްސެވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން ހަމްދޫން ރަޝީދު ވަކިކުރެއްވުމަށް ފަހު އެވެ.