ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގެން ހުންނަވާނީ އެ ގައުމުގެ ރައީސް ރާމް ނާތް ކޮވިންދުގެ ރަސްމީ ގެކޮޅު ރާޝްތްރަޕަތީ ބަވަންގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ރާޝްތްރަޕަތީ ބަވަންގައި ތިއްބެވުމަށް ފުރުސަތު ދެއްވަނީ އިންޑިއާގެ ގާތް އެކުވެރި ދައުލަތްތަކުގެ ވެރިންނަށެވެ. މިހާތަނަށް އެ ގެކޮޅުގައި ތިއްބަވަން ފުރުސަތު ދެއްވާފައި ވަނީ ބޫޓާންގެ ރަސްގެފާނަށާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ އަށެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ އެގަނޑުވަރަކީ، ބޮޑު ބަގީޖާކާއިއެކު ދާރުލްއާސާރު ހިމެނޭ ގޮތަށް އިމާރާތްކޮށްފައިވާ ތަނެކެވެ. އެ ގަނޑުވަރު އިމާރާތް ކޮށްފައިވަނީ 130 ހެކްޓަރުގެ ބިމެއްގައިއެވެ. އެ ގަނޑުވަރު ހުންނަނީ ނިއު ދިއްލީ އަށް ދާ ޓޫރިސްޓުންގެ މަގުބޫލް މަންޒިލް އިންޑިއާ ގޭޓް ހުންނަ ސަރަހައްދުގައިއެވެ.
ރައީސް އިންޑިއާގެ ދަތުރުފުޅާ ގުޅިގެން އެމަނިކުފާނު ހުންނަވާނެ ތަނަކާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިހާތަނަށް ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާ އަށް ފުރާވަޑައިގަންނަވާނީ އަންނަ ހޯމަދުވަހު އެވެ. ރައީސް ސޯލިހު ހުވާކުރެއްވުމަށް ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަޑައިގެންފައެވެ.