މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގއ. ގެމަނަފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގެމަނަފުށިން ފުރާވަޑައިގަތުމުގެކުރިން ވަނީ އެރަށުގައި ބަހައްޓާފައިވާ ބޮޑު ގަޑި އިފްތިތާހްކޮށްދެއްވާފައެވެ.
މަސްވެރިން ދުވަސް ފާހަގަކުރަން، ރާއްޖޭގެ އެންމެ މަސްވެރި އެއް ރަށްކަމުގައިވާ ގެމަނަފުށީގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެކި ފަރާތްތަކަށް އިނާމު ދިނެވެ. އެ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، މަސްވެރިކަމުގެ ޞިނާޢަތު ފުޅާވަމުން އަންނަ ވަރަށް، މަސްވެރިކަމުގެ ބާޒާރު ތަނަވަސްނުވުމުގެ ޝަކުވާކަމަށެވެ. މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރަކީ މަސްވެރިކަމާއި ކަނޑުގެ ވެއްޓާ ނުހަނު ގުޅިލާމެހިފައިވާ ތަސައްވުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
އެ ޖަލްސާއަށްފަހު ރައީސް ސޯލިހް ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވެފައިވާ ދަތިތަށް އޮޅުން ފިލުއްވައި މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް މަސްވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަސްވެރިންނާ މަޝްވަރާކުރައްވާ ވާހަކަފުޅުދައްކަވައިފައެވެ.