ރާއްޖޭގެ ޒުވާނުންނަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ، ހަލާލު މަސައްކަތަކީ މަސްވެރިކަން ކަމަށް ޒުވާން ކެޔޮޅުގެ މަގާމު މިއަހަރު ހޯދި ގއ. ކެމަނަފުށީ، އަލަމާގެ، އަލީ އަކްބަރު ބުނެފިއެވެ.
އުމުރުން 19 އަހަރުގައި މަސްވެރިކަމަށް ނުކުތް އަކްބަރަށް ޒުވާން ކެޔޮޅުގެ މަގާމު ދެއްވާފައި ވަނީ މަސްވެރިންގެ ދުވަހުގެ މަނާސަބަތުގައި ގއ. ކެމަނަފުށީގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށްފަހު، "ރާއްޖެއެމްވީ" އާ ވާހަކަ ދައްކަމުން އަކްބަރު ބުނީ ރާއްޖޭގެ ޒުވާނުން ކުރަން އެންމެ ރަނގަޅު މަސައްކަތަކީ މަސްވެރިކަން ކަމަށާއި ޒުވާނުންނަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބޭނީ މަސްވެރިކަންކޮށްގެން ކަމަށެވެ.
ފުލުހުންގެ ވަޒީފާ ވެސް އަދާކޮށްފައިވާ އަކްބަރު ބުނީ އަމިއްލައަށް ކުރިއަރަން މަސައްކަތްކޮށް، ބޭނުންވާ ހިސާބަށް ވާސިލުވުމަށް ޒުވާނުން ކުރާ މަސައްކަތް ދޫކޮށްނުލުމަށް އިސްތިމާސްކުރާ ކަމަށެވެ.
"ޒުވާނުންނަށް ދޭނެ މެސެޖަކީ މިއީ ރާއްޖޭގައި. ރާއްޖޭގައި ޒުވާނުން ކުރަން އެންމެ ރަނގަޅު މަސައްކަތޭ. އެންމެ ހަލާލު ގޮތުގައި. އެންމެ ރަނގަޅަށް އާމްދަނީ ލިބޭ މަސައްކަތޭ. ރާއްޖޭގެ އެއްވެސް ވަޒީފާއެއް ނީންނާނެ، މިހާ ހަލާލު ގޮތުގައި ރަނގަޅަށް އާމްދަނީ ލިބޭ ވަޒީފާއެއް،" އުމުރުން 31 އަހަރުގެ އަކްބަރު ބުންޏެވެ.
"މީގަ އިންނާނީ އެ މީހާ އަމިއްލައަށް ކުރިއަރަން މަސައްކަތް ކުރި ވަރެއް، ބޭނުންވާ ހިސާބަށް އެ މީހާއަށް ދެވޭނެ. އޭގެ އިންނާނީ އެ މީހެއްގެ ހިތްވަރު. ހިތްވަރު ކުރި ވަރަކަށް ކުރިއަށް ދެވޭނީ."
ބުދަ ދުވަހުގެ ރޭ ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ގއ. އަތޮޅުގެ އެންމެ ތަޖުރިބާކާރު ކެޔޮޅު ވަނީ ހޮވާފައެވެ. އެ މަގާމު ލިބުނީ ގއ. ދެއްވަދޫ، އޯކިޑުމާގެ، މުހައްމަދު ނިޒާރުއަށެވެ. އުމުރުން 61 އަހަރުގެ ނިޒާރަކީ 12 އަހަރުން ފެށިގެން މަސްވެރިކަން ކުރަމުން އަންނަ ކެޔޮޅެކެވެ. އޭނާ ވަނީ މަސްވެރިކަމުގައި 49 އަހަރު ހޭދަކޮށްފައެވެ.
މިދިޔަ އަހަރު ކެމްބްރިޖު އޯލެވެންގެ، މެރިން ސައިންސްގެ މާއްދާއިން ގއ. ގެމަނަފުށީ ސްކޫލުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާތީ އެ ސްކޫލަށް ރައީސް ސޯލިހު ވަނީ އިނާމު އަރުވާފައެވެ. އަދި މަސްވެރިންކަމުގެ ތަފާސް ހިސާބު ގަވާއިދުން ފިޝަރީޒް މިނިސްޓްރީއާ ހިއްސާކޮށްފައިވާތީ، ދެ ކޮޅަކަށް ވަނީ ހަނދާނީ ފިލައަކާއި ފައިސާގެ އިނާމު އަރުވާފައެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކެމަނަފުށީގައި ފާހަގަ ކުރަމުންދަނީ 38 ވަނަ މަސްވެރިންގެ ދުވަހެވެ. ދެހާސްސޯޅަ ވަނަ އަހަރުގައި ވެސް ވަނީ މަސްވެރިންގެ ދުވަސް އެ ރަށުގައި ފާހަގަކޮށްފައެވެ. ގެމަނަފުށްޓަކީ ޒުވާން މަސްވެރިން ގިނަ ރަށެކެވެ. އެގޮތުން އެ ރަށުގައި މަސްވެރިން ކުރާ މީހުންގެ 50 ޕަސެންޓަކީ ޒުވާނުންނެވެ.