މަސްވެރިންނަށް ދޭންޖެހޭ 68 މިލިއަން ރުފިޔާ ތިން ދުވަސް ތެރޭގައި ދޫކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެ ފައިސާ އަކީ މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަނެ، މަސްވެރިންނަށް ނުދީ ހުރި ފައިސާތަކެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބުދަ ދުވަހުގެރޭ ގއ. ގެމަނަފުށީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިން ބާނާ މަސް ކްރެޑިޓަށް ވިއްކުން ހުއްޓާލާ، މިފްކޯގެ އޮނިގަނޑަށް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި މިފްކޯ އަކީ ފައިދާގެ ގޮތުގައި ހިންގާ ކުންފުންޏަކަށް ހައްދަވާނެ ކަމަށާއި އެއީ މި ސަރުކާރުގެ އަމާޒެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުދި މަސް ޕްލާންޓްތައް ރަށްތަކުގައި ޤާއިމުކުރުމަށް ބޭނުންވާ ވާސިލްތައް ތައާރަފު ކުރުމުކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމާނާފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނާއި ކައުންސިލްގެ ހިއްސާ އޮންނަ ގޮތަށް އެކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ ދިރާސާތައް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކުރަމުންދާ ކަމަށެވެ. މަސްވެރި މުޖުމުތައު މިހާރު ވެސް ކުރަމުންދާ އެންމެ ބޮޑު އެއް ޝަކުވާ އަކީ އައިސް ޕްލާންޓްތަކުގެ ފައިދާ ނުލިބުމުގެ ޝަކުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް އައިސް ޕްލާންޓްތައް ހިންގުމަށްޓަކާ އެތަންތަން ރަށު ކައުންސިލްތަކުގެ ހިއްސާއާއެކު ހިންގާ ތަންތަނަށް ބަދަލު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައި. ގެމަނަފުށީ މަސްވެރިންގެ ވެސް އެންމެ ބޮޑު އެއް ޝަކުވާ އަކީ އައިސް ނުލިބުމުގެ މައްސަލަ. މިހާރު މި ރަށުގައި ހުރި 25 ޓަނުގެ އައިސް ޕްލާންޓް ވަނީ ކުޑަވެފައި، އެހެންކަމުން އެ އައިސް ޕްލާންޓް 50 ޓަނުގެ އައިސް ޕްލާންޓަކަށް ބަދަލު ކުރާނަން" ރައީސް ސޯލިހް ވިދާޅުވިއެވެ.
މަސްވެރިކަން އޮތީ ޓެކްނޮލިޖިއާ ގުޅިލާމެހިފައި ކަމަށާއި މިހާރު ފީނައިގެން މަސްވެރިކަން ކުރާ ފަރާތްތައް އިތުރުވެފައިވާއިރު ވަރަށް ގިނަ ފަރާތްތަކުން ތަމްރީންތައް ނުލިބި އެކަންކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށާއި އެ ހާދިސާތައް ހިނގުން ކުޑަކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކަށް ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގައި އެކި ކަންކޮޅު ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.