ދުނިޔޭގެ 190 ގައުމަކުން ސޮއިކޮށްފައިވާ ޕެރިސް މުއާހަދާ ތަންފީޒު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑަކަށް އެއްބަސްވާން ޖެހޭ ކަމަށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޮނިއޯ ގުޓޭރެސް ވިދާޅުވެއްޖެއެވެ.
މިހާރު ޕޯލެންޑުގައި ކުރިޔަށް ދާ ކޮޕް 24 ސަމިޓަށް ހާޒިރުވެފައި ތިބި 130 ގައުމުގެ މަންދޫބުންނާއި ވާހަކަދައްކަވަމުން ގުޓޭރެސް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ބައްދަލުވުމުގެ ހުރިހާ ބައިވެރިން އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށެވެ.
ޕެރިސް މުއާހަދާގައި ސޮއި ކުރިތާ ތިން އަހަރު ވެފައިވާއިރު މުއާހަދާގެ ބައިވެރިންނަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ މި މުއާހަދާ ތަންފީޒު ކުރާނެ ގޮތަކާއި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތުގައެވެ.
ހަފްތާއެއް ވަންދެން ކުރިޔަށް ދިޔަ ވާހަކަތަކުގައި އެދެވޭ ވަރުކަމުގެ ކުރިއެރުމެއް ލިބިފައި ނުވާތީވެ، މިފަހަރުގެ ބައްދަލުވުން ބާއްވާ ޕޮލެންޑުން ބުނެފައި ވަނީ ހުރިހާ ބައިވެރިންނަށް ކަމުދާނެ ގޮތަކަށް މި މުއާހަދާގެ ބަސްމަގު ބަހައްޓައިގެން ފާސްކުރަން އޮތް ވަގުތު ކުޑަތަން ވަމުން ދާކަމަށެވެ.
މޫސުމީ ބަދަލުތަކާއި ބެހޭ ޕެނަލުގެ ރިޕޯޓަކަށް އަލިއަޅުވާލައި ގުޓޭރެސް ވިދާޅުވީ ދުނިޔެ މިހާރަށް ވުރެން 1.5 ޑިގްރީ ސެލްސިއަސް އަށް ހޫނު ވެއްޖެ ނަމަ ބިލިއަން ބަޔަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ. ހާއްސަކޮށް ޖަޒީރާ ގައުމުތަކަށް ކުރާނެ އަސަރު ބޮޑުކަމަށް އޭނާ ފާހަގަކުރި އެވެ.
މިހާރު ޕޮލެންޑުގެ ކަޓޮވިޒްގައި ކުރިޔަށް ދާ ސަމިޓުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.