ރައީސް ޔާމިން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، އޭނާގެ ވަކީލު އާޒިމާ ޝަކޫރުއާއި އެކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމުން، ފުލުހުން ސުވާލު ނުކޮށް ފޮނުވާލައިފިއެވެ.
ފުލުސް އޮފީހުން ނިކުމެވަޑައިގެން ރާއްޖެ.އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ މިއަދު އެބޭފުޅާ ފުލުހަށް ހާޒިރުކުރުމަށް ފަހު "މާ ބޮޑު" ސުވާލެއް ކޮށްފައި ނުވާކަމަށެވެ.
"އެ ވީ ގޮތަކީ އަޅުގަނޑުމެންނާއި އެއްކޮށް ދިޔަ ލޯޔަރުގެ ކޮންފްލިކްޓް އޮފް އިންޓްރެސްޓެއް އޮތް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭތީ އެހެންވެގެން އަލުން އެހެން ދުވަހަކުން އަންނަ ގޮތަށް މިއަދު ނިންމާލީ،" ޒަމީރު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންފްލިކްޓް އޮފް އިންޓްރެސްޓް އުފެދުނީ ޒަމީރުގެ ވަކީލުންގެ ޓީމުގައި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެެއަރޒް މިނިސްޓަރަކަށް ހުންނެވި އާޒިމާ ހިމެނުމާއި ގުޅިގެންނެވެ. ޒަމީރު ފުލުހަށް ވަޑައިގެންނެވި އިރު އަރިހުގައި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ތިއްބެވިއެވެ. ނަމަވެސް އެބޭފުޅުންގެ ތެރެއިން ފުލުސް އޮފީސް ތެރެއަށް ވަދެވަޑައިގެންނެވީ އާޒިމާ އެކަންޏެވެ.
ޒަމީރު ވަނީ އެބޭފުޅާ ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައިކަން ކަށަވަރު ކޮށްދީފައެވެ.
"އަޅުގަނޑަށް ފުރަތަމަ ކިޔައި ދެއްވީ އެމްއެމްޕީއާރްސީގެ މައްސަލަތަކާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ވެގެން ކަމަށް، ދެން އަޅުގަނޑު ސަސްޕެކްޓެއް ގޮތަކަށެއް ނޫން، މައުލޫމާތު ސާފު ކޮށްލަދޭ މީހެއްގެ ގޮތުގައި،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަނު ކުރެވުނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ދުވަސްވަރު ޒަމީރު ހުންނެވީ ސަރުކާރުގެ އެއްވެސް މަގާމެއްގައި އެއް ނޫނެވެ.
ޒަމީރުއަކީ ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ފުލުހަށް ހާޒިރުކުރެވުނު ފުރަތަމަ ބޭފުޅާއެވެ.