ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް ދެދުވަސް ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ 30 ދުވަހުގެ ވައުދުގައި އޮތް މިނިސްޓްރީއިން ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ފަސް ކަމެއް ނިމި، ހަވަނަ ކަންތައް ކަމަށްވާ އެތެރޭގެ އުދުހުން ތަކުގެ އަގުހެޔޮ ކުރުމުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސިވިލް އޭވިއޭޝަނުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮށް ނިމިފައިވާ ކަމަށާއި، ދެން އޮތީ އެކަން ފައިނަލް ކުރުމުގެ ކުރިން ރައީސް އޮފީހާއި ކުރަންޖެހޭ މުއާމަލާތްތައް ކުރުން ކަމަށެވެ.
އެތެރޭގެ އުދުހުމުގެ އަގުތަށް އިއުލާން ކުރި ނަމަވެސް އެކަމަށް އަމަލު ކުރުމަށް ދޭއް ނުވަތަ ތިން ހަފްތާވަރު ނަގާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަދިވެސް މަސައްކަތް ކުރަމުން ދަނީ ކަމާގުޅޭ މިނިސްޓްރީތަކާއި ކުންފުނިތަކާއި ވާހަކަދައްކާ، އަދިވެސް އިތުރަށް ހެޔޮ ބަދަލެއް ގެނެވޭތޯ ކަމަށެވެ.