މައްކާގައި ކުރިއަށްދާ ބައިނަލްއަގްވާމީ މަހާސިންތާ ''އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް ޔުނިޓީ ދަ ޕެރިލްސް އޮފް ލޭބަލިންގ އެންޑް އެކްސްކްލޫޝަން'' ގައި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ބައިވެރިވެވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ހިޒް ރޯޔަލް ހައިނަސް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދުގެ ބެއްލެވުމުގެ ދަށުން މުސްލިމް ވޯލްޑް ލީގުން އިންތިޒާމްކޮށްގެން ބާއްވާ މިމަހާސިންތާއަކީ ދެދުވަހަށް މައްކާގައި ކުރިއަށްދާ ބައިނަލްއަގްވާމީ މަހާސިންތާއެއް ކަމަށެވެ.
ބުދަ ދުވަހު ފެށި މިކޮންފަރެންސްގައި 127 ގައުމަކުން 1200 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި މުފްތީންނާއި، މިނިސްޓަރުން، ދީނީ އިލްމުވެރިން، އަދި އިސްލާމީ މުފައްކިރުން ހިމެނެއެވެ.
މިމަހާސިންތާގައި މިސްރުގެ މުފްތީ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. ޝައުކީ އިބްރާހިމް އައްލާމް އާއި، ލުބްނާނުގެ މުފްތީ އައްޝައިޚް އަބްދުއް ލަތީފް ދަރްޔާން އާއި، މަސްޖިދުލް ޙަރަމްގެ އިމާމް އައްޝައިޚް އަބްދުއް ރަޙްމާން އަލްސުދައިސް، އަދި އައްޝައިޚް ޔޫސުފް އެސްޓެސް ފަދަ ޢިލްމުވެރިން މިކޮންފަރެންސްގައި ކީނޯޓް ސްޕީޗް ދެއްުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިދަތުރުފުޅުގައި މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު އަލީގެ އަރިހުގައި މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.