ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެވިފައިވަނީ އޮޅުމަކުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ރައްޔިތުން މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެވިފައިވީ ނަމަވެސް، އެމައްސަލައިގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލަ 10 މާޗު 2016 ގައި ފައިލްކޮށްފައިވާ ކަމަށާއި، މިނިސްޓަރު އަލީ ވަހީދުގެ ކުށުގެ ރެކޯޑެއް އޭސީސީގައި ނެތް ކަމަށް އެސިޓީގައިވެއެވެ.
މީގެ އިތުރަށް މިސިޓީގައި ބުނެފައިވަނީ ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ބުނެފައިވަނީ އޮޅުމަކުން ކަމަށެވެ. އަދި އެކަމަނާގެ ވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544618405.jpg)
"އަލީ ވަހީދާއި، އާތިފާ ޝަކޫރުގެ ކޮރަޕްޝަންގެ މައްސަލައެއްގެ ކުށުގެ ރެކޯޑް އޮތްކަމަށް މައުލޫމާތު ދެވިފައިވަނީ އޮޅުމަކުން ކަމުގައި ދަންނަވަމެވެ،" މަޖިލީހުގެ ރައީސް ގާސިމް ފޮނުވާފައިވާ މިނިސިޓީގައި ބުނެފައިވެއެވެ.
މިނިސްޓަރު އަލީ ވަހީދުއާއި، މިނިސްޓަރު އާތިފާ ކޮރަޕްޝަންގެ މައްސަލައެއް އޮތް ކަމަށް އޭރު އޭސީސީން މައުލޫމާތުދީފައިވީ ނަމަވެސް މަޖިލިހުން ވަނީ އެ ދެބޭފުޅުނަށް ވެސް ރުހުންދީފައެވެ. ރުހުން ދިނުމަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ މީހެއްގެ މައްޗައް ޝަރުއީ ކޯޓަކުން ކުށް ސާބިތުވާ ކަމަށް ކަނޑަނާޅާހާ ހިނދެއްގައި ކުށްވެރިއަކަށް ނުވާނެ ކަމަށާއި، ގާނޫނު އަސާސީގައި އެގޮތަށް ބަޔާން ކޮށްފައިވާ ކަމަށެވެ.