ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލް ހުޅުމީދޫއަށް ވަޑައިގެންފައިމިވަނީ އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ މެންދުރުފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މިޒިޔާރަތުގައި ހުޅުމީދޫ ހެލްތު ސެންޓަރަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި އެތަނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރައްވައި، ހެލްތު ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވި ކަމަށެވެ.
ފައިސަލް ނައިބު ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ހއ. ދިއްދޫ އަށެވެ. އަދި މިހަފްތާގެ ތެރޭގައި ކ. ގުރައިދޫއަށް ވަޑައިގެން އެތަނުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތާއި، ކ. މާފުއްޓަށް ވަޑައިގެން ޖަލުގެ ހާލަތު ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.