ބަހުގެ ހޫނު ޙަމަލާއަކާއިއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގަތުމުން މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ބުދަ ދުވަހު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ފާޑިކިޔުމުގެ ނޫސްވެރިކަން ކޮށްގެން އެމަނިކުފާނު 14 ފަހަރު ޖަލަށް ލާފައިވާކަމަށެވެ. އަދި އެހެން ވިދާޅުވުމަށްފަހު، ރާއްޖޭގެ ނޫސްވެރިކަމުގެ އަލިމަސްޔޫބީލާއި ދިމާކޮށް ރައީސް މައުމޫނަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައިވެއެވެ.
I have been charged and imprisoned over 14 times, mostly for writing dissenting journalism. Congratulations to President Gayoom for receiving the honour marking the Diamond Jubilee of Maldives Journalism.
— Mohamed Nasheed (@MohamedNasheed) December 12, 2018
ރައީސް ނަޝީދު ނޫސްވެރިކަމުގެ މަސައްކަތްޕުޅު ކުރައްވައިގެން ޖަލަށް ލެވުނީ ރައީސް މައުމޫންގެ ދައުރުގައެވެ. އެހެންނަމަވެސް ޓްވީޓްގައި އެމަނިކުފާނު އެކަން ފާހަގަކުރައްވާފައެއް ނުވެއެވެ.
ނޫސްވެރިކަމުގެ އެވޯޑްތައް ދިން ހަފްލާގައި ރާއްޖޭގެ މިނިވަން ނޫސްވެރިކަން ނައްތާލުމަށް މަސައްކަތްކޮށް، ނޫސްވެރިންނާއި މީޑިއާތަކަށް ބޮޑެތި ގެއްލުންތައް ދިން ބައެއް ފަރާތްތަކަށް އެވޯޑް ދިންއިރު، ރާއްޖޭގެ މިޒަމާނުގެ މިނިވަން ނޫސްވެރިކަމުގެ ބާނީކަމަށް ގިނަ ފަރާތްތަކުން ސިފަކުރާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަގު ވަޒަންކޮށްފައި ނުވާތީ، އެކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަން މީޑިއާއަށް އެންމެ ބޮޑަށް ހުރަސް އެޅި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަހީބަށްވެސް ނޫސްވެރިކަމުގެ ރަން ގަލަން އަރުވާފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަކީ 'ސަންގު'ގެ ނަމުގައި ނޫހެއް ނެރެ، ރާއްޖޭގައި އޭރު އޮތް ވެރިކަމުގެ ތެރޭގައި ހިނގަމުންދިޔަ ނުރަނގަޅު ކަންކަން ރައްޔިތުންނަށް ހަމަޔަށް ގެނެސްދީ، މިނިވަން ނޫސްވެރިކަމަށް ދިވެހިން ލޯހުޅުވާލަދެއްވި ދެބޭފުޅުންނެވެ.