ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިތުރު 3 ބިލެއް ބުދަ ދުވަހުގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި 3 ބިލުވެސް 60 މެމްބަރުންގެ ވޯޓުން ފާސްވެފައިވާއިރު، އޭގެ ތެރެއިން އެއް ބިލަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ހިންގުން ހަރުދަނާ ކުރުމަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފާރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުލް ކަރީމް (ރުކުމާ) ހުށައެޅުއްވި ބިލެވެ.
މީގެ ކުރިން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރެވޭނީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. އަދި އެމަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ނަމަވެސް މި އިސްލާހު ފާސްވުމާއެކު ކޮމިޝަނަރު އޮފް ޕްރިޒަންއަކަށް އައްޔަން ކުރާ ބޭފުޅާ އަކީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރަކަށް ވާކަށް ނުޖެހެ އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ބާރުދޭ ގޮތަށް ހުށަހަޅާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ 60 މެމްބަރުންގެ ވޯޓުންނެވެ.
ޓޫރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޓޫރިސްޓް ބޭނުމަށް ރިސޯޓު ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގައި ކުރާ މަސައްކަތްތަކާ ގުޅިގެން އެ ތަންތަނުގެ ވެއްޓަށް ދާއިމީ ބަދަލު އަތުވެދާނެ ފަދަ ކަމެއް މެދުވެރިވެދާނެތޯ ބެލުމުގެ ޒިންމާ ގާނޫނުގެ ދަށުން މަތިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެވެ.
އެކަމަކު، މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު ހުށަހެޅުއްވި ބިލްގައި ވަނީ ޓޫރިޒަމް މިނިސްޓްރީގައި މިހާރު އޮތް ބާރު އަތުލައި ތިމާވެއްޓާ ބެހޭ ވުޒާރާ އަށް އެ ބާރު ދިނުމަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.
އޭގެއިތުރުން ދިވެހި ބަހުގެ އެކަޑަމީން ހެރިޓޭޖު މިނިސްޓްރީއަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށައަޅާފައިވާ ބިލުވެސް ފާސްވެފައިވަނީ 60 މެމްބަރުންގެ ވޯޓުންނެވެ. މި ބަދަލާއެކު ދިވެހި ބަހުގެ އެކެޑެމީގެ ބެލެނިވެރި ފަރާތަކީ ހެރިޓޭޖު މިނިސްޓްރީ އެވެ. މީގެ ކުރިން ދިވެހި ބަހުގެ ގާނޫނުގައި ބުނެފައިވަނީ އެކެޑެމީގެ ބެލެނިވެރި ފަރާތަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ. މަޖިލީހުން ގެނައި އިސްލާހުގައި ވަނީ ދިވެހި ބަހުގެ އެކެޑެމީ އިން ޖަވާބުދާރީވާން ޖެހޭނީ އެ އިރެއްގައި ގައުމީ ބަހާއި ތަރިކަ އާއި ސަގާފަތާ ގުޅޭ ކަންކަމާ ހަވާލުވެ ހުންނަވާ މިނިސްޓަރަކަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ މަރުހަލާތައް ފުރިހަމަނުކޮށް ބިލުތައް އަވަސް އަރުވާލައިގެން މަޖިލީހުގެ ތެރެއިން ފުރިހަމަ ކުރުމަކީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ގެންގުޅުއްވި ސިޔާސަތެއް ކަމަށާއި މަސީހު އަމަލު ކުރެއްވި ގޮތަށް ގާސިމް އަމަލުކޮށްގެން ނުވާނެ ކަމަށް މިބިލުތަކަށް ބަހުސް ކުރެއްވި ގިނަ މެމްބަރުންތަކެއް ގޮވާލާފައިވެއެވެ.