މަސްވެރިކަން ކުރާ މަސްދޯނިތަކާއި، ކަރަންޓު ދޭ ތަންތަނުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށައެޅުއްވި އެ ބިލު ފާސްވެފައި ވަނީ 60 މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލުގެ މަޤްސަދަކީ ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއެއް ދިނުމާއި، އެ ފަރާތްތަކުން ކުރަންޖެހޭ ޚަރަދުތައް މަދުކޮށްދިނުން ކަމަށް އެ ބިލު ހުށައަޅުއްވަމުން މުސްތަފާ ވިދާޅުވިއެވެ. މީގެ އިތުރުން، ކަރަންޓު ޚިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން ޑިއުޓީ ކަނޑާލުމުން ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮވެގެން ދިއުމަކީވެސް މިފަދަ ބިލެއް ހުށައެޅުމުގެ މަޤްސަދެއް ކަމުގައި ބިލު ހުށައަޅުއްވަމުން މުސްތަފާ ވަނީ ވިދާޅުވެފައެވެ.
"ދެން މިހެން ކުޑަކުރެވޭ އެއްޗެހި ރައްޔިތުންނާއި ހަމައަށް ފޯރާތޯ ބެލުންވެސް އެއީ ސަރުކާރުގެ ކަމެއް. އަޅުގަނޑު ގޮވާލަން އިކޮނޮމިކް މިނިސްޓްރީން މި އަގު ކޮންޓްރޯލް ކުރަން މިފަދަ އެއްޗެހިން ކަނޑާލުމުން އަގު ކޮންޓްރޯލް ކުރާނެ ބޯޑެއް އިކޮނޮމިކް މިނިސްޓްރީ ފަދަ ތަނެއްގައި ބޭއްވުން. އެއީ ވަރަށް މުހިއްމު ކަމެއް،" އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގެންނެވި މުސްތަފާ ވިދާޅުވިއެވެ.
މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ އެއް މަސް ތެރޭގައި ކަނޑާލުމާއި، ކަރަންޓުގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.