ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވެފައިވާ މެންބަރަކަށް އެހެން ހައިސިއްޔަތަކުންވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނައި އިސްލާހު އުވާލަން މަޖިލީހަށް ހުށައަޅާފައިވާ ބިލު މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށައެޅުއްވި މި ބިލު ބަލައިގަތުމަށް ފާސްވެފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލު ހުށައަޅުއްވަމުން ލަތީފު ވިދާޅުވީ، މި ބިލަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީގައި މިހާރު ގެންގުޅޭ އުސޫލައް ހަރުދަނާ ކުރުމާއި، ޕާޓީއަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އިޚުލާސްތެރި ބޭފުޅުންނަށް ފުރުސަތު ގެއްލިގެންދާ ދިއުން ހުއްޓުވުމަށް ހުށައެޅުއްވި ބިލެއް ކަމަށެވެ.
ލަތީފު އިތުރަށް ވިދާޅުވީ، ޕްރައިމަރީން ބަލިވުމުން އިތުރަށް ވާދަނުކުރެވޭ ގޮތް ހެދުމަކީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުރައްވާފައިވާ ރަނގަޅު ނޫން ކަމެއް ކަމުގައެވެ.
ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވެފައިވާ މެމްބަރަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ކުރީގެ ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅި މި އިސްލާހު އޭރު ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުންނެވެ.