އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެެރީސާ މޭގެ އިތުބާރުނެތްކަމުގެ ވޯޓް ބުދަ ދުވަހު ނެގުމަށް އެ ގައުމުގެ ވެރިކަން ކުރާ ޕާޓީން ނިންމައިފިއެވެ.
ކޮންޒަވެޓިވް ޕާޓީގެ ވޯޓްނަގާނީ ހަވީރު 4:00 އާއި 8:00 އާއިދެމެދުއެވެ.
އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމާމެދު އެ ގައުމުގެ ރައްޔިތުންގެ މެދުގައި 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓަށްފަހު އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އިސްތިއުފާ ދެއްވުމުން މަގާމާ ހަވާލުވެވަޑައިގެންނެވި މޭ އަށްވަނީ ވިލާތުގެ އިއްތިހާދުން ވަކިވުމުގެ މައްސަލައިގައި އެ އިއްތިހާދާއެކުު އެކުލަވާލެވުނު އެއްބަސްވުމުގެ މައްސަލައިގައި ކޮންޒަވެޓިވް ޕާޓީގެ ފާޑުކިޔުން އަމާޒުވެފައެވެ.
"ބްރެކްސިޓް" ގެ އެއްބަސްވުމާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި އަންގާރަ ދުވަހު ނަގަން ހަމަޖެހިފައި އޮތް ވޯޓްވެސް ބޮޑުވަޒީރު ތެރީސާ މޭވަަނީ މަޑުޖައްސާލައްވާފައެވެ.
ބްރެކްސިޓްއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ނިންމީ އެ ގައުމުގެ އިގްތިސާދަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. ނަމަވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ އީޔޫގައި ދެމިއޮތުމެވެ.
އިނގިރެސިވިލާތް އިޔޫ އިން ވަކިވުމަށް ފެނޭތޯ ބެލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ ވޯޓް ލިބިފައިވެއެވެ.