ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވެފައިވާ މެންބަރަކަށް އެހެން ހައިސިއްޔަތަކުންވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ޤާނުނަށް ގެނައި އިސްލާހު އުވާލަން މަޖިލީހަށް ހުށައަޅައިފިއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުއެވެ.
މި ބިލު ހުށައަޅުއްވަމުން ލަތީފު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީ އެހާ ސައްހަ ނޫން ކަމަށާއި، ޕްރައިމަރީގައި މިހާރު ގެންގުޅޭ އުސޫލަކީ ބޭނުންވާ ވަކި މީހަކަށް ކާމިޔާބު ކޮށްދިނުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕާޓިއަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އިޚުލާސްތެރި ބޭފުޅުންނަށް ފުރުސަތު ގެއްލިގެންދާ ކަމަށްވެސް ލަތީފު ވިދާޅުވިއެވެ.
"އަދި ހަމަ އެ ޕްރައިމަރީ އޮންނަ ދުވަސްވަރު އަޅުގަނޑުމެން މި ދަންނަވަނީ އެހެން ޕާތީތަކުގެ މެމްބަރުން ލައްވައި ސޮއިކުރުވައިގެން އެބޭފުޅަކު ވިން ކުރުމަށްޓަކައި، އެބަޔަކު ކާމިޔާބުކޮށްދިނުމަށްޓަކައި އެހެން ޕާޓީތަކުގެ މެމްބަރުންވެސް އެވަގުތު ވަގުތީ ގޮތުން މެމްބަރުންނަށް ހަދައިގެންވެސް ޕްރައިމަރީތައް ކާމިޔާބުކޮށްފައި އެބަހުރި،" ލަތީފު ވިދާޅުވިއެވެ.
ލަތީފު އިތުރަށް ވިދާޅުވީ، ޕްރައިމަރީން ބަލިވުމުން އިތުރަށް ވާދަނުކުރެވޭ ގޮތް ހެދުމަކީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުރައްވާފައިވާ ރަނގަޅު ނޫން ކަމެއް ކަމުގައެވެ.
ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވެފައިވާ މެމްބަރަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ކުރީގެ ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅި މި އިސްލާހު އޭރު ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުންނެވެ.