ޕޮލިސް ކޮމިިޝަނަރުގެ މަގާމުން ހަމްދޫން ރަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބުދަ ދުވަހު ވަކިކުރައްވައިފިއެވެ.
ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ބޮޑުތަފާތަކުން ނާކާމިޔާބުވެވަޑައިގެންފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ކޮމިޝަނަރގެ މަގާމަށް ހަމްދޫން އައްޔަންކުރެއްވީ އޯކްޓޯބަރ މަހުގެ އެއް ވަނަ ދުވަހުއެވެ.
ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާގައި ރައީސް ޔާމީން އެ ބަދަލު ގެންނެވުމުން ރައީސް ސޯލިހުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެއެވެ. ފުލުހުންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ހަމްދޫން އަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ކޮމާންޑަރެވެ.
ކޮމިޝަނަރުގެ މަގާމުން ހަމްދޫން ވަކިކުރެއްވުމަށްފަހު އެކްޓިން ކޮމިޝަނަރގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަނީ އަންޔަން ކުރައްވާފައިވާކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވިއެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން މިމަހުގެ ދެވަނަ ދުވަހު ކުރި ހުކުމާއެކު ހަމީދު އަލުން ފުލުހުންގެ ވަޒީފާއަށް ނެރެ އެސިސްޓެންޓް ކޮމިޝަނަރގެ މަގާމު ހަވާލުކުރައްވާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.