ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
މެންގް ދޫކޮށްލާފައިވަނީ އޭނާ ހައްޔަރު ކުރިތާ 10 ދުވަސް ފަހުންނެވެ. މެންގް ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ އެދުމުގެ މަތިން މިމަހުގެ އެއް ވަނަ ދުވަހު ކެނެޑާގެ ވެންކޫވަރ އެއާޕޯޓުގައި ހުއްޓައި ކެނެޑާއިންނެވެ.
އެމެރިކާގެ އަމުރަށް މެންގް ހައްޔަރު ކޮށްފައިވަނީ ވާވޭގެ ސީއެފްއޯގެ މަގާމުގައި ހުރެ އެ ކުންފުނިން އީރާނާއިއެކު ވިޔަފާރިކޮށް ފައިވާކަމަށް އެގައުމުން ތުހުމަތު ކޮށްފައިވަނިކޮށެވެ. އެމެރިކާއިން ބުނީ އެއީ އެގައުމުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފު ކަމެކެވެ. އަދި ވާވޭ ކުންފުނިން ވަނީ އީރާނާއި އެކު ވިޔަފާރިކުރުމާއި ބެހޭގޮތުން ބޭންކުތަކަށް އޮޅުވާލާފައި ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
މެންގް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ އިލެކްޓްރޯނިކް ޓެގް އަޅުވައި ޕާސްޕޯޓު ހިފެހެއްޓުމަށްފަހު 7.5 މިލިއަން އެމެރިކާ ޑޮލަރު ކެނެޑާގެ ކޯޓަށް ދެއްކުމުންނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ.
ކެނެޑާއިން މެންގް އެމެރިކާއާއި އަދި ހަވާލުކޮށްފައި ނުވި ނަމަވެސް އެކަމުގައި ގޮތް ނިންމާނީ ކެނެޑާގެ ޖަސްޓިސް މިނިސްޓަރެވެ.
މެންގް އަކީ އަކީ ވާވޭ ކުންފުނީގެ ފައުންޑަރގެ ދަރިއެކެވެ. އެމެރިކާ އިން އިސްވެއޮވެ މެންގް ހައްޔަރުކޮށްފައި ވަނީ އިންސާނި ހައްގުތަކާއި ޙިލާފް އަމަލެއް ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ.