ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި މުހައްމަދު މަޖުދީ (މާޅޮހު މަޖުދީ) އަވަހާރަ ވެއްޖެއެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން މަޖުދީ އަށް ބޮޑުބޭބެ ވިދާޅުވާ މާޅޮހު ކައުންސިލްގެ ނައިބް ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ، މަޖުދީ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި މެއަށް ކުއްލިޔަކަށް އެރި ތަދެއްގައި އައިޖީއެމްޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން މަޖުދީއަކީ އެއްވެސް ސިއްހީ މައްސަލައެއް ހުރި ބޭފުޅެއްކަން އެނގިފައި ނުވާކަމަށެވެ.
މަޖުދީ ފުރުއްވާފައިވާ ސަރުކާރުގެ މަގާމުތަކުގެ ތެރޭގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އއ.މާޅޮހު މެމްބަރުކަމާއި، އެރަށު ސްކޫލްގެ ހެޑްމާސްޓަރު ކަން ހިމެނެއެވެ. އަދި އޭނާ ވަނީ މިނިސްޓްރީއޮފް އެޑިއުކޭޝަންގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައެވެ. ހަމަ އެއާއި އެކު އެރަށުގައި އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުން ކުރެވޭ ހުރިހާ މަސައްކަތް ތަކެއްގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްފަރާތަކީ މަޖުދީއެވެ.
ޖުމްހުރީ ޕާޓީގެ އިސްލާމިކް ލީގްގެ ރައީސްކަން ކުރައްވަމުން ގެންދެވި މަޖުދީ އަވަހާރަވިއިރު، ހަތަރު ފިރިހެން ބޭފުޅުންނާއި، ދެ އަންހެން ބޭފޫޅުން ދުނިޔޭގައި އެބަތިއްބެވެ.
މަޖުދީގެ މައްޗައް ކުރެވޭ ކަށުނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދުގެ ފަހު އާސަހާރާ މިސްކިތުގައެވެ.