ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލުން އަބްދުﷲ ޞާދިޤަށް ހަޔާތީ އަރުތައިގެ އިނާމު އަރުވައިފިއެވެ.
ދިވެހި ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަކުރުމަށާއި، އެކި ރޮނގުތަކުން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޞާދިޤަށް ހަޔާތީ އަރުތައި އިނާމު ހަވާލުކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ.
މީޑިއާ ކައުންސިލުން ޞާދިޤަށް މިއިނާމް އެރުއްވީ ބައި ގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ނޫސްވެރިކަމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާ، މިދާއިރާއަށް ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވާފައިތީއެވެ. އަދި ޓެކްނޮލޮޖީގެ ފަސޭހަތައް ނެތް ޒަމާނެއްގައި ވެސް ދަތިތަކާއެކު ދިވެހި ނޫސްވެރިކަން ދެމެހެއްޓެވުމުގައި ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މީޑިއާ ކައުންސިލުން ބުނީ މިދާއިރާއަށް ޒުވާނުން ކުރިއެރުވުމަށްޓަކައި މިފަދަ ލިޔުންތެރިންގެ އަގު ވަޒަން ކުރައްޖެހޭ ކަމަށެވެ. އަދި މިފަދަ ލާމަސީލު ބޭފުޅުންގެ ފަރާތްޕުޅުން ހިތްވަރު ލިބިގަނެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ހަޔާތީ އަރުތައިގެ އިނާމު ލިބިވަޑައިގެންނެވި ޞާދިޤަކީ 1943 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ރިޕޯޓަރެއްގެ ގޮތުގައި ޚަބަރު ނުލިޔުއްވިނަމަވެސް، އަދަބީ ލިޔުންތެރިކަމުން ނޫސްވެރިކަން މުއްސަނދި ކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.
ނޫސްވެރިކަމަށް ސާދިޤު ކޮށްދެއްވި މަސައްކަތް އަގުވަޒަންކޮށް ސަރުކާރުވަނީ 1993 ވަނަ އަހަރު ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަން ގަލަން ވެސް އަރުވާފައެވެ.
ޞާދިގު މިހާތަނަށް 50 އަށްވުރެ ގިނަ ފޮތްތައް ޝާއިއު ކުރައްވާފައިވާއިރު އޭނާ ވަނީ މުދައްރިސެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.