ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކޮށްދިނުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ ނޫސްވެރިކަމުގެ ރަން ގަލަން ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާއަށް ލިބިއްޖެއެވެ.
ފިޔާޒުއަށް މި އެވޯޑު ލިބުނީ ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަކުރުމަށާއި ވޭތުވެ ދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ލިބުނު ފަރާތްތަކަށް އިނާމު ދިނުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހު ބޭއްވި ހަފްލާގައެވެ. ފިޔާޒްގެ އިތުރުން ހަތް ފަރާތަކަށް ވަނީ މި އެވޯޑު ލިބިފައެވެ.
މިހާރު ވެސް ރާއްޖެ.އެމްވީގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިޔާޒު އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ މަޝްހޫރު އާފަތިސް ނޫހުންނެވެ. އެއަށް ފަހު ފިޔާޒު ވަނީ މަޝްހޫރު ހަވީރު ނޫހުގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ވަނީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރކަން ވެސް ކުރައްވާފައެވެ.
ފިޔާޒުއަކީ މައިގަނޑު ގޮތެއްގައި ސިޔާސީ ދާއިރާގެ ހަބަރުތައް އާންމުންނާއި ހަމައަށް ގެނެސްދިނުމުގައި އުޅުއްވި ވަރަށް ކެރޭ އަދި ހީވާގި ނޫސްވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެކެވެ. މި ދާއިރާގައި މަސައްކަތް ކުރުމުގެ ތެރޭގައި ފިޔާޒު ވަނީ ޖަލަށް ވެސް ދާންޖެހިފައެވެ. އެގޮތުން 2004 ވަނަ އަހަރުގެ އޮގަސްޓު 12، 13 ގައި ރާއްޖޭގައި ކުރި މުޒާހަރާތަކާއި ގުޅިގެން ނުވަ ދުވަސް ވަންދެން ޖަލުގައި ހުއްޓެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައިވެސް ފުލުހުން ފިޔާޒް ހައްޔަރުކޮށްފައިވެއެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު ފޮޓޯޖާނަލިސްޓަކަށް ހޮވިފައި ވަނީ ރާއްޖެ.އެމްވީގެ ކުރީގެ ފޮޓޯ ޖާނަލިސްޓް މުހައްމަދު ޝަރުހާނެވެ.