ނޫސްވެރިންގެ ފާޑުކިޔުންތަކަކީ މި ސަރުކާރުގެ ދިރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ނޫސްވެރިން ފާޅުކުރާ ހިޔާލުތަކާއި އަދި ކިޔާ ފާޑުކިޔުންތަކަކީ މި ސަރުކާރަށް އޮތް ނުރައްކަލެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި މި ސަރުކާރުގެ އައިބުތައް ދެނެގެނެވޭނީ ނޫސްވެރިންގެ ލޯގަނޑުން މި ސަރުކާރުގެ ފަސްބައި ބެލިވަރަކުން ކަމަށެވެ.
"ނޫސްވެރިންނަކީ އަދި ނޫސްވެރިން ފާޅުކުރާ ހިޔާލުތަކާއި ފާޑުކިޔުންތަކަކީ، ސަރުކާރަށް އޮތް ނުރައްކަލެއް ކަމުގައި އަޅުގަނޑު ހަމަގައިމު ވެސް ނުދެކެން. ނޫސްވެރިންގެ ފާޑުކިޔުންތަކަކީ މި ސަރުކާރުގެ ދިރުން. މި ސަރުކާރުގެ އައިބުތައް ދެނެގެނެވޭނީ ނޫސްވެރިންގެ ލޯގަނޑުން މި ސަރުކާރުގެ ފަސްބައި ބެލިވަރަކުން. އެކަމަށް މި ސަރުކާރުން އިޖާބަދޭނަން. އަޅުގަނޑު ދަންނަވާނީ ދައުލަތް ހަމަ މަގުން ހިންގަން އެދޭނަމަ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ވެސް ނޫސްވެރިކަމަށް ޖާގަ ދެއްވާށޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމުން ސަރުކާރަށް އުނދަގޫތަކެއްވާ ކަމުގެ އިހުސާސް ކުރެވޭނަމަ އެކަމަށް ލޯ މަރާލާފައި ނަމަވެސް ނޫސްވެރިކަމަށް އިތުރު މިނިވަންކަން ދޭންވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ މައުލޫމާތު ހޯދައި، ލިބިގަތުމުގެ ފަހި މާހައުލަކާއި މިނިވަންކަމާއެކު ހިޔާލުފާޅު ކުރެވޭނެ ވެއްޓެއް މި ސަރުކާރުން ނޫސްވެރިންނަށް ޤާއިމުކޮށްދެއްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ނޫސްވެރިކަމުގެ އާއިލާގެ މެމްބަރެއް ކަމަށާއި އެމަނިކުފާނު ވަޒީފާގެ ދާއިރާއަށް އުފަންވީ ވެސް ނޫސްވެރިންކަމުގެ ތެރެއިން ކަމަށެވެ. އަދި އެ މަސައްކަތުގައި އުޅުއްވިއިރު ސަރުކާރު ޒިންމާދާރު ކުރުމުގައި ނޫސްވެރިކަމުގެ ދައުރު ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަން ކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް އެއްވެސް އިރެއްގައި ނެތްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގެ ކަންކަމަށް ފާޑުކިޔާ ނެރުނު ނޫސް މަޖައްލާތަކަށް މަޖުބޫރުވީ އެންމެ ޅަފަތުގައި ދުނިޔެ ދޫކުރަން ކަމަށެވެ.
"މިނިވަން ނޫސްވެރިކަމެއް ކުރަން އެއްވެސް ޤާނޫނީ ހުރަހެއް އެއްވެސް އިރަކު ނެތް، ނަމަވެސް ވެރިކަމުގެ ކަންކަމަށް ފާޑުކިޔާ ނެރުނު ކޮންމެ ނޫސް މަޖައްލާ އަކަށް މަޖުބޫރުވީ އޭގެ އެންމެ ޅަފަތުގައި ދުނިޔެ ދޫކުރަން. ނޫސްވެރިންނާއި ބައްދަލުކުރީ ޖަލުގެ އަނދިރިކަން. ދިވެހި ނޫސްވެރިކަމުގެ ހަޔާތުން 75 އަހަރު ފާއިތުވެ ދިޔައިރު ނޫސްވެރިކަން އޮތީ ސަރުކާރު ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައި. މިނިވަން ނޫސްވެރިކަމުގެ ބަދަލުގައި ސަރުކާރުން ބުނަން ބޭނުންވި އެއްޗެއް ބުނަން ބޭނުންވި ގޮތަކަށް ރައްޔިތުންގެ ކަންފަތަށް އިއްވައިދޭ ވަސީލަތެއްގެ ގޮތުގައި. ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ފަހި މާހައުލެއް ޤާއިމުވެގެން ދިޔައީ މިހާރު އޮތް ޤާނޫނު އަސާސީ އަށް އަމަލުކުރަން ފެށި ހިސާބުން،" ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިދިޔަ ސަރުކާރުން އެ ޤާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ނޫސްވެރިކަން މަރާލާފައިވާ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިނިވަން ނޫސްވެރިކަމަކީ އެ ސަރުކާރުތަކަށް ކުރިމަތިވެފައި އޮންނަ ބިރެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.