ދުނިޔޭގެ މަޝްހޫރު ޓައިމް މަޖައްލާއިން ކޮންމެ އަހަރަކުވެސް ދޭ އަހަރުގެ ޝަހްސިއްޔަތުކަން މިފަހަރު ނޫސްވެރިންނަށް ލިބިއްޖެއެވެ.
މިއީ މި އެވޯޑުގެ 95 އަހަރުވީ ތާރީހުގައި ވެސް ނޫސްވެރިކަމުގެ ދާއިރާއަށް އެވޯޑު ލިބިގެން ދާ ފުރަތަމަ ފަހަރެވެ. އެގޮތުން މި ފަހަރުގެ އެވޯޑު ލިބިފައިވަނީ މަރާލެވިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އާއި، މިޔަންމާގައި ބަންދުކުރެވިފައިވާ ރޮއިޓާސްގެ ދެ ނޫސްވެރިން ކަމުގައިވާ ވާ ލޯން އާއި ކިޔު ސޯ އޫއާއި، ފިލިޕީންސްގެ ރެޕްލާ ނޫހުގެ މަރިއާ ރެސާގެ އިތުރުން އެމެރިކާގެ މެރީލޭންޑުގައި ޗާޕުކުރާ ކެޕިޓަލް ގެޒެޓުގެ ހުރިހާ މުވައްޒިފުންނަށެވެ.
މި ފަހަރުގެ އެވޯޑު ލިބުން ހުރިހާ ފަރާތްތަކަކަށް ވެސް ޓައިމްސް މަޖައްލާއިން ވަނީ ވަކިވަކިން ބޭރުގަނޑުގެ ފޮޓޯއެއް ހާއްސަކޮށްފައެވެ.
މި އެވޯޑާއި ގުޅިގެން ދެއްވި އިންޓަވިއުއެއްގައި އެ މަޖައްލާގެ އެސިސްޓަންޓް މެނޭޖިންގ އެޑިޓާ ބެން ގޮލްޑްބާގާ ވިދާޅުވެފައި ވަނީ މިއީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން މީހުންނަށް ވިސްނައިދިނުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމު ކަން ވެސް އެނގިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ގޯލްޑްބާގާ ވިދާޅުވިއެވެ.
ޓައިމްސް މަޖައްލާއިން ދޭ އަހަރުގެ ޝަހްސިއްޔަތުގެ އެވޯޑަކީ އެ އަހަރަކު އެންމެ ފާހަގަކޮށްލެވޭ ކަމައް ކުރި މީހަކަށް ނުވަތަ ބަޔަކަށް ދޭން ހާއްސަކޮށްފައި އޮންނަ އެވޯޑެކެވެ. މި އެވޯޑު ލިބިފައިވާ މަޝްހޫރު މީހުންގެ ތެރޭގައި ބަރަކް އޮބާމާ، މާޓިން ލޫތާ ކިންގް، ކިންގް ފައިސަލް އަދި ޕޫޓިން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.