މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ ) ގެ މެނޭޖިން ޑިރެކްޓަރަކަށް ސ. މަރަދޫ ، ބަގީޗާގެ ހަސަން ޝާހު ހަމަޖައްސައިފިއެވެ.
ޕްރައިވައިޓޭޒެޝަން އެންޑް ކޯޕަރޭޝަންގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝާހު އެ މަގާމަށް ހަމަޖެއްސީ އަންގާރަ ދުވަހު ކަމަށެވެ. ޝާހު، އަކީ ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
މީގެ ކުރިން ޝާހު ވަނީ ޖުމްހޫރި ޕާޓީ އަދި އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލްކަން ކުރައްވާފައެވެ. އޭނާ ވަނީ ރައީސް ޑރ، މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އިތުރުން ރައީސް އަބްުދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މަގާމްތައް ވެސް ފުރުއްވާފައި އެވެ.
އެގޮތުން ރައީސް ވަހީދުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަންކަން އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ޝާހު ވަނީ ކުރައްވާފައެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި އެމްޓީސީސީގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވީ އިބްރާހިމް ޒިޔަތުއެވެ. އޭނާ އެ މަގާމުން ވަކި ކޮށްފައިވާކަން އިއުލާން ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.