ސިޓީ ކައުންސިލްތަކަށް އަނެއްކާވެސް އިތުރު ބާރުތަކާއި ބައެއް ހިދުމަތްތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް އަލުން ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވަނީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ސިޓީ ކައުންސިލަށް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ބާރުތަކުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި އެފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އެ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުން ހިމެނެއެވެ. އަދި، ޢާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި، ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްތަކާއި ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
އެގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ދިނުމަށް، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވަނީ އެ ވުޒާރާއަކުން ކަނޑައަޅުއްވާ އުޞޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކުރީގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް، ސިޓީ ކައުންސިލްތަކަށް ބާރުތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
ސިޓީ ކައުންސިލްތަކުގެ ބާރުތައް އެއްފަހަރާ ދިނުމުގެ ބަދަލުގައި ދެމުން ދަނީ އެކި ބާރުތައް ވަކިވަކިންނެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައިވެސް ކޮންމެވެސް ބާރުތަކެއް ކައުންސިލްތަކަށް ދަނީ ދެމުންނެވެ. ގިނަ ބާރުތަކެއް އެއް ފަހަރާއި ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާއިރު، އަނބުރާ އެބާރުތައް ދިނުމުގައި މިހާރުގެ ސަރުކާރުން ލަސްކުރުންތަކެއް ގެންގުޅޭތީ ބައެއް ސިޓީ ކައުންސިލަރުން ގެންދަނީ ފާޑުކިޔަމުންނެވެ.