ދަނޑުވެރިކަމުގެ ބޭނުމަށް ރާއްޖެ އެތެރެ ކުރާ ތަކެތިން ޑިއުޓީ މާފުކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ އިސްލާހު ފާސްކުރީ މުޅި މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާކުރުމަށްފަހު، ފޮނުވި ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހުން ފާސް ކުރުމުންނެވެ. އެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް ފާސްކުރީ ސަރުކާރު ކޯލިޝަންގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންނާއެކު ޖުމްލަ 56 މެމްބަރުންގެ އިއްތިފާގުންނެވެ.
ދަނޑުވެރިކަމުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލައްވާނެ ކަމަށް ރިޔަސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވަނިކޮށް، އެ އިސްލާހު މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެވެ.
ޝަރީފު ހޯމަ ދުވަހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި، އިގްތިސާދުން ވީހާވެސް ގިނަ ބަޔަކަށް ފާއިދާކުރާނެ ގޮތެއް ހައްދަވައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ. އަދި ވިދާޅުވީ އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ ބޭނުމަށް ކުރެވޭ ތަކެތިން ޑިއުޓީ މާފުކޮށް، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އިތުރު ހިތްވަރު ދިނުމާއި ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ފަސްވަނަ މާއްދާއަށް ގެނައުމަށް ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން ދަނޑުވެރިކަމާއި ބެހޭ ސިޔާސަތުތަށް ކަނޑައެޅުމުގެ އުސޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން ޑިއުޓީ މައާފްކުރުމެވެ.