މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން 985 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮޓޯރިޓީން ބުނެފިއެވެ.
މިދިޔަ މަހު މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 985 މިލިއަން ރުފިޔާއަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 5.3 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ވެސް 5.2 ޕަސެންޓްގެ އިތުރު ވުމެއްކަމަށް އެ އޮޓޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު ފައިސާގެ އެންމެ ބޮޑު އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 643 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 65 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބުނީ އެހެނިހެން ފީގެ ގޮތުގައި ލިބުނު ފައިސާ އިންނެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ މަހު ލިބުނު ފައިސާގެ ތެރެއިން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 39 މިލިއަން ޑޮލަރެވެ.
އޮކްޓޫބަރު 2018ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 61.7 އިންސައްތަ ނުވަތަ 636.93 މިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 5.8 އިންސައްތަ ނުވަތަ 59.94 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 56.77 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 46.32 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ. އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 43.18 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 188.71 މިލިއަން ރުފިޔާ ހިމެނެއެވެ.
އޮކްޓޫބަރު 2018ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.