އެޑިއުކޭޝަން މިނިސްޓްރީއަށާއި އިސްލާމިކް މިނިސްޓްރީއަށް ދެ ނާއިބުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރުންގެ ނާއިބުކަމަށް ޢައްޔަން ކުރައްވާފައި ވަނީ، މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނާއިބުގެ މަގާމަށް ގއ. ވިލިނގިލި، އަލަދަޑިއާގެ ޝަރުމާ ނަޞީރާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނާއިބުގެ މަގާމަށް ގދ. ތިނަދޫ، ގީނާ އަޙްމަދުﷲ ޖަމީލެވެ.
ޝަރުމާއަކީ އެޑިއުކޭޝަން މިނިސްޓްރީ އަށް އައްޔަން ކުރެއްވި ފުރަތަމަ ނާއިބެވެ. އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައި ހުންނަވަނީ އެންމެ ބޭފުޅެކެވެ. އިސްލާމިކް މިނިސްޓްރީގެ ނާއިބު ކަމަށް އަންގާރަ ދުވަހު އައްޔަން ކުރެއްވި އަހުމަދުﷲ ޖަމީލަކީ އެ މިނިސްޓްރީ އަށް އައްޔަން ކުރެއްވި ފުރަތަމަ ނާއިބެވެ. އެ މިނިސްޓްރީގައި ހުންނަވަނީ އެންމެ ސްޓޭޓް މިނިސްޓަރެކެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ އަދަދަކީ 42 އެވެ. ޑެޕިއުޓީ މިނިސްޓަރުގެ އަދަދަކީ 34 އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.