މަސްވެރިކަން ކުރާ މަސްދޯނިތަކާއި، ކަރަންޓު ދޭ ތަންތަނުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އިމްޕޯރޓް ޑިއުޓީ ކަނޑާލުމުގެ ބިލު އަންގާރަ ދުވަހު މަޖިލީހަށް ހުށައަޅައިފިއެވެ.
ރާއްޖޭގެ އިމްޕޯރޓް އެކްސްޕޯރޓް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށައެޅީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.
އެ ބިލުގެ މަޤްސަދަކީ ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއެއް ދިނުމާއި، އެ ފަރާތްތަކުން ކުރަން ޖެހޭ ޚަރަދުތައް މަދުކޮށްދިނުން ކަމަށް އެ ބިލު ހުށައަޅުއްވަމުން މުސްތަފާ ވިދާޅުވިއެވެ. މީގެ އިތުރުން، ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން ޑިއުޓީ ކަނޑާލުމުން ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮވެގެން ދިއުމަކީ ވެސް މިފަދަ ބިލެއް ހުށައެޅުމުގެ މަޤްސަދެއް ކަމުގައި މުސްތަފާ ފާހަގަކުރެއްވިއެވެ.
"ދެން މިހެން ކުޑަކުރެވޭ އެއްޗެހި ރައްޔިތުންނާއި ހަމައަށް ފޯރާތޯ ބެލުން ވެސް އެއީ ސަރުކާރުގެ ކަމެއް. އަޅުގަނޑު ގޮވާލަން އިކޮނޮމިކް މިނިސްޓްރީން މި އަގު ކޮންޓްރޯލް ކުރަން މިފަދަ އެއްޗެހިން ކަނޑާލުމުން އަގު ކޮންޓްރޯލް ކުރާނެ ބޯރޑެއް އިކޮނޮމިކް މިނިސްޓްރީ ފަދަ ތަނެއްގައި ބޭއްވުން. އެއީ ވަރަށް މުހިއްމު ކަމެއް،" އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގެންނެވި މުސްތަފާ ވިދާޅުވިއެވެ.
ޑީސަލުން މިހާރު ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ފަސް ޕަސަންޓެވެ.
ތެލުން ޑިއުޓީ ކަނޑާލުމަށް މި ބިލު ހުށައަޅާފައިވާއިރު، ކޯލިޝަން ސަރުކާރެއްގައި ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.