ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. ހޯމަ ދުވަހުގެ ރޭ އެމަނިކުފާނު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައި ވަނީ މުލިއާގޭގައެވެ.
އެމަނިކުފާނު ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރެއްވިކަން ރައީސް އޮފީހުން ހާމަކޮށްފައި ނުވާއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ރައީސް ސޯލިހް ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އެހެންނަމަ ވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އެ މެމްބަރުން ހިއްސާ ކުރައްވާފައެއް ނުވެއެވެ.
މިއީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ އެ މަޖިލީހުގެ ނުރަސްމީ ބައްދަލުވެމެއް ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ބާއްވާފައެވެ. މިއީ މިފަހުން އެމްޑީޕީގެ ޤައުމީ މަޖިލިސް ނުރަސްމީކޮށް ބައްދަލުކުރި ދެވަނަ ފަހަރެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ.