ރާއްޖޭގެ މަސްވެރިކަން ފުޅާކޮށް މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދޭން ޖެހޭ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ޑީޑީ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ޑރ. ޑީޑީ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ޕްރޮމޯޓުކުރެވިގެން ނުދާ ކަމަށާއި މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ޕްރޮމޯޓު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ދިވެހި މަސްވެރިކަން ފުޅާކޮށް މަސްވެރިންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައިދޭން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މަސްވެރިން ބޭނުންވާ ދެ ވަސީލަތެއް އެބައޮތް، އެއީ އައިސް ލިބުމުގެ ހިދުމަތް އެކަށީގެންވާ ގޮތުގައި މަސްވެރިކަން ކުރާ ސަރަހައްދަކުން ލިބެން ހުރުން. ބައެއް ފަހަރަށް ހުވަދޫ އަތޮޅުގެ މަސްވެރިން މަސްބާނައިގެން އެ މަސް ފިނިކޮށްފައި ބެހެއްޓުމަށްޓަކައި އެ ބޭނުންވާ އައިސް ހޯދަން ކައިރީގެ އެހެން އަތޮޅުތަކަށް ދަތުރުކުރަން އެބަޖެހޭ، އެހެންކަމުން ތެލުގެ އަގު އިންތިހާއަށް ބޮޑުވެގެން އެބަދޭ، އޭގެ ބަދަލުގައި މަސްވެރިކަން ކުރާ ހުރިހާ އަތޮޅުތަކެއްގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވަރަށް މުހިންމުކަމެއް، ދެވަނަ ކަމަކީ އެންވެރިކަން. އެން ދިރުވާ އާލާ ކުރުމުގެ މަޝްރޫއުއެއް މިއަދާ ހަމައަށް އައިރުވެސް އެކަށީގެންވާ ގޮތެއްގައި ހިންގިފައެއް ނެތް، ރާއްޖޭގައި އެބަޖެހޭ އެންވެރިކަން ދިރުވާ އާލާ ކުރަން،" ޑރ. ޑީޑީ ވިދާޅުވިއެވެ.
މަސްވެރިކަމަށް ބޭނުންވާ ލޯނު އެސްއެމްއީ ބޭންކް މެދެވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި އޭރުން މަސްވެރިކަމުގެ ސިނާއަތް ފުޅާވެ، މަސްވެރިކަމަށް ނިކުންނަ ޒުވާނުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑރ. ޑީޑީ އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވިދާނެ ސިނާއަތެއް ކަމަށާއި މެރިކަލްޗާގެ ސިނާއަތަކީ ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ސިނާއަތެއް ކަމަށެވެ.
ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މިފްކޯ ބަގުރޫޓުވެގެން ދިޔައީ އެ ކުންފުނި މެނޭޖްކުރުމަށްޓަކައި ކަނޑައެޅިފައިވާ ސިޔާސަތުގެ ސަބަބުންނާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކި ކަންތައްތައް ރޭވިފައި އޮތުމުގެ ސަބަބުން ކަމަށެވެ.
"މިފްކޯ އަކީ ހަޤީޤަތުގައި ވަރަށް ބޮޑު ފައިދާއެއް ނެރެވޭނެ ކުންފުންޏެއް، އަމިއްލަ ކުންފުނިތަކުން ވެސް ވަރަށް ބޮޑު ފައިދާއެއް އެބަ ނެރޭ، އެހެންކަމުން މިފްކޯގައި ހުރި ވަސީލަތްތަކާއި ހިއުމަން ރިސޯސް ކެޕޭސިޓީއާ ތަޖުރިބާއާއެކު އަސްލު މިފްކޯ އަށް އެކަށީގެންވާ ފައިދާއެއް ނެރެވޭނެ. އެހެންނަމަވެސް މިފްކޯ އެ މެނޭޖްކުރުމަށް ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ސަބަބުން ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކި ކަންތައްތައް ރޭވިފައި އޮތުމުގެ ސަބަބުން މިފްކޯ ބަގުރޫޓުވެގެންދިޔަ ކަމަށް މި ފާހަގަކުރެވުނީ" ޑރ. ޑީޑީ ވިދާޅުވިއެވެ.
ޒަމާނުއްސުރެ މަސްވެރިންގެ އުންމީދަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބުން ކަމަށް ވެސް ޑރ. ޑީޑީ ފާހަގަކުރެއްވިއެވެ.