ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަކީ (އެންޑީއެމްސީ) އަކީ ކުއްލިއަކަށް ދިމާވާ ގުދުރަތީ ހާދިސާތަކުގައި އެހީވާ އިދާރާއެއް ކަމަށާއި، ބޯޓު ފަހަރު ފަރަށް އަރައި ލިބޭ ގެއްލުންތަކަށް ޒިންމާ ނަގާ އިދާރާއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެންޑީއެމްސީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ބޯޓު ފަހަރު ފަރަށް އަރައި ގެއްލުވުމުން އެހާދިސާގެ ޒިންމާ ނަގައި އެހީ ފޯރުކޮށްދިނުމަކީ އެންޑީއެމްސީން ކުރަން ޖެހޭ ކަމެއް ކަމަށް ބައެއް އާންމުންނަށް ހީވާ ކަމަށެވެ. ނަމަވެސް މިއީ ގުދުރަތީ ގޮތުން ދިމާވާ ހާދިސާތަކުގައި އާންމުނަށް އެހީތެރިކަން ފޯރުކޮށްދޭ އިދާރާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބޯޓު ފަރަށް އަރައި އެކަހަލަ ކަމެއްވީމަ އެބޭފުޅުން ވަޑައިގަންނަވަން ޖެހޭނީ ސޯޝަލް ޕްރޮޓެކްޝަން ނުވަތަ އެހެން ދިމާލަކަށް. ވައިގަދަ ވެގެން ފުރާޅެއް އެލާލުން، އުދަ އެރުން، ވިއްސާރަވެ، ވައިގަދަވެ، ފެންބޮޑުވެ އާންމުންނަށް ގެއްލުންވެ، މިކަހަލަ ކަންތައްތަކުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އެހީތެރިކަން މިވެވެނީ" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އާންމުންގެ މައުލޫމާތަށްޓަކައި މިނިސްޓަރު މާރިޔާ މިހެން ވިދާޅުވިއިރު، މިމަހު 6 ވަނަ ދުވަހު ނ.މާޅެންދޫ ނެރުމައްޗަށް ''ޕެލިކަން'' ނަމަކަށް ކިޔާ ބޯޓެއް އަރައި، އަޑިއަށް ގޮސް ހަލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް މި ބޯޓުގެ ވެރިފަރާތުން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަން ސަމާލުކަމަށް ގެނެސްފައިވާ ނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.
ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ފެންބޮޑުވެ ގެއްލުންތައް ލިބުނުއިރު، އެތައް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، މިބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިފައިވާ ނުވާ ކަމަށް ފާޑު ކިޔާ ބައެއް މީހުން ދަނީ ބުނަމުންނެވެ.
މިބޯޓަކީ ނ. މަނަދޫ، މާފަރު، ލަންދޫ އަދި މާޅެންދޫ، މި ހަތަރު ރަށުގެ ވިޔަފާރި ވެރިންގެ މުދާ ހިފައިގެން ދަތުރު ކުރާ ބޯޓެކެވެ. މި ހާދިސާ ދިމާވި އިރު ބޯޓުގައި 150 މީހުން ތިބި ކަމަށާއި، ބޯޓުން ދަތުރުކުރި ބައެއް މީހުންގެ ފައިސާ އާއި ލަގެޖް ވެސް އޮޔާގޮސް ގެއްލިފައިވާ ކަމަށް ވެސް ބޯޓުގެ ވެރިފަރާތުން ބުނެ އެވެ.