މާލެއަށް ބޯކޮށް ވާރެވެހި ފެންބޮޑުވި ހާދިސާއާ ގުޅިގެން އެހީގެ ގޮތުގައި ޖުމްލަ 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު (އެންޑީއެމްސީ) އިން ބުނެފިއެވެ.
އެންޑީއެމްސީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ޑިރެކްޓާ ޖެނަރަލް ޝަފީނާޒް ހަސަން ވިދާޅުވީ، މިހާތަނަށް ހަތް ފަރާތަކުން ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށާއި، އެހީގެ ގޮތުގައި މިހާތަނަށް 1.3 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭ ކަމަށެވެ.
ޝަފީނާޒު ވިދާޅުވީ، ފައިސާގެ އިތުރުން ވެސް އާންމު ފަރާތްތަކުން ބޮޑެތި އެހީވެފައިވާ ކަމަށާއި، އެގޮތުން ގޭގައި ބޭނުންކުރާ އާލާތްތަކާއި، ގޮދަނޑި، ބެޑްޝީޓް، ފަދަ ތަކެތި ހަދިޔާ ކޮށްފައިވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންނަށް އެއްފަރާތަކަށް ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެފައި އޮތްކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަދި އެފައިސާ ޖަމާވެފައި ނުވޭ. ދެން އެހީމަ މިއަދުގެ ނިޔަލަށް ފިނޭންސްގެ ތެރެއިންނާއި ފުރިހަމަ ކުރަންޖެހޭ ހުރިހާ ޕްރޮސަސްތަކެއް ފުރިހަމަ ކުރުމަށްފަހު ފައިސާތައް ޖަމާ ކުރެވޭނޭ ކަމަށް މިބަލަނީ. އެހެންވީމަ އިރާދަ ކުރެއްވިއްޔާ މިހަފްތާ ތެރޭގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެވެންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން" ޝަފީނާޒު ވިދާޅުވިއެވެ.
ވިއްސާރާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރައްވައި ޝަފީނާޒް ވިދާޅުވީ 214 ގެއަކަށް ގެއްލުން ވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 206 ގެއެއްގެ އެސެސްމެންޓް ހަދާ ނިމިފައިވާ ކަމަށާއި، އެސެސްމެންޓް ނުހެދި އިން 12 ގެއަކީ އެގެތަކަށް ލިބިފައިވާ ގެއްލުން ބެލުމަށް ދިޔަ ޓީމަށް އެކިއެކި ސަބަބުތަކާއި ހުރެ އެގެތަކަށް ނުވަދެވިގެން އެސެސްމެންޓް ނުހެދިފައި ހުރި ގެތައް ކަމަށް ޝަފީނާޒު ވިދާޅުވިއެވެ. ނަމަވެސް މިހަފްތާ ތެރޭގައި ގެއްލުންވި ގެތަށް ބަލައި، ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ތިން ފަރާތަކުން ދިން ފައިސާގެ އެހީއާ ހަވާލުވެވަޑައިގެންފައެވެ. އެއީ ޓީޖެޓީގެ ފަރާތުން 10،000 ރުފިޔާ އާއި، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖުގެ ފަރާތުން ދިން 50،000 ރުފިޔާ އާއި، ހެޕީ މާކެޓުން ދިން 150،000 ރުފިޔާ އެވެ.
މި ފައިސާއާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިނިސްޓަރު މާރިޔާ ވިދާޅުވީ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކުން މިހާރުވެސް ރިޕޯޓު ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް އެންޑީއެމްސީގެ ގަވައިދު އޮންނަ ގޮތުން ހާދިސާއެއް ދިމާވާތާ 48 ގަޑިއިރުގެ ތެރޭގައި ލިބުނު ގެއްލުން އެންޑީއެމްސީއަށް ރިޕޯޓް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ދެން ބައެއް ބޭފުޅުން އެބަވިދާޅުވޭ އެގިވަޑައިނުގަންނަވާތީ ނާންގަވާ ތިއްބެވީއޭ. އެއީ ކޮންމެސް ހިސާބަކުން މިކަން ނިންމާލަން އެބަޖެހޭ. އަޅުގަނޑުމެން އެއެސެސްމެންޓްތައް ހަދާ. ބައިވަރު އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކެއް ހުރޭ މިކަހަލަ ކަމަކާ ގުޅިގެން. އެންޑީއެމްސީގެ ބޭފުޅުންނަށް ވެސް ގިނައިރު ވީ ވަރަކަށް އެބޭފުޅުންނަށް ވެސް ވީހަލާކާއި އެއްޗެހި ނުފެންނާނެ. އަދި ބައެއް ބޭފުޅުން ވިދާޅުވޭ އަޅުގަނޑުމެން މަރާމާތުކޮށް ނިންމާފީމޭ. ދޮންނަ މެޝިން ކަހަލަ އެއްޗެހި އެހުރީ ބޭނުން ކުރެވޭ. އަސްލު ހަގީގަތުގައި ލިބުނު ގެއްލުމުގެ ބަދަލު ދެނީއެއް ނޫން. މިރަމްޒީ އެހީތަކެއް މިދެވެނީ." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.