މިސަރުކާރުން އަންނަ އަހަރަށް ފާސްކޮށްފައިވާ 30.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ އެންމެ ބޭނުންވިގޮތަށް ފާސްކޮށްފައިވާ ބަޖެޓެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އއ. ފެރިދޫއަށް ހޯމަ ދުވަހު ވަޑައިގެން، އެރަށުގެ ރައްޔިތުންގެ ނަރުދަމާ ނިޒާމު ފެށުމުގެ މަޝްރުއޫ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާކަން ވިދާޅުވަމުން، ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ އެންމެ ބޭނުންވި ގޮތަށް ފާސްވެފައިވާ ބަޖެޓެއް ނޫންކަމަށެވެ.
ބަޖެޓް ބޭނުންވިގޮތަށް ފާސްނުވި ސަބަބު ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ރައީސް ޔާމީންގެ ސަރުކާރުން "ވާރުތަވެފައިވާ" ބަޖެޓެއްކަމަށް ކަމަށެވެ.
"އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ އަޅުގަނޑުމެން އެންމެ ބޭނުންވި ގޮތަށް އޮތް ބަޖެޓެއް ނޫން. އެއީ ކުރީ ސަރުކާރުން އަޅުގަނޑުމެންނަށް ވާރުތަވި ބަޖެޓެއް. އެހެންކަމުން އަޅުގަނޑުމެން ބޭނުންވި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ލިބުނު ކުޑަވަގުތު ކޮޅު ތެރޭގައި އެ ބަޖެޓްތެރެއަށް ލެވޭ ގޮތެއް ނުވި. އެހެން ނަނަމަވެސް ދެން އޮތް އަހަރަށް އެކަށައަޅާ ބަޖެޓް އަޅުގަނޑުމެން އެކަށަ އަޅާނީ އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމަށް އަމާޒު ހިފައިގެން. އެކަމުގެ ޔަގީންކަން ތިހުރިހާ ބޭފުޅުން މިއަދު އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.
ރަށްގިރުމުގެ މައްސަލައަކީ ފެރިދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގެ ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތުގެ ދަށުން އެރަށުގެ ގޮޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ފެރިދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ހެދުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވާ އެއްކަންތައް ކަމަށާއި އެކަމަށް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ފެލިދޫ ރައްޔިތުންނަށް ދެއްވާފައިއެވެ. މީގެ އިތުރަށް ރައީސް ވިދާޅުވީ އެއްވެސް ރަށެއް ބާކީ ނުކޮށްލާނެ ކަމަށާއި ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއްކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ގެނައި ބަދަލުތަކާ އެކު، 600 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް، 30،251،742،542 (ތިރީސް ބިލިއަން ދުވިސައްތަ ފަންސާސް އެއް މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ފަސްސަތޭކަ ސާޅީސް) ރުފިޔާއަށް ބަޖެޓް ވަނީ ބޮޑުކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.