ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 6 ބިލެއް ހަ6 ގަޑިއިރު ތެރޭގައި ބަހުސްކޮށް ނިންމައި، އެ ބިލުތައް ބަލައިގަނެ، ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ހަ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލުތަކުގެ ބަހުސް ނިމެންދެން މަޖިލީހުގެ ޖަލްސާ ހޯމަ ދުވަހު މެންދުރުފަހު ވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން ހެނދުނު 9:00 ގައި ފެށި ޖަލްސާ ދެ ފަހަރެއްގެ މަތިން ހުސް ވަގުތު މެދުކަނޑާލުމަށްފަހު މަސައްކަތް ނިންމާލީ ހަވީރު 4:00 ޖަހަން އުޅެނިކޮށެވެ. ހުސްވަގުތު ކޮޅަށް ހޭދަކުރި ވަގުތާ ނުލައި، އެ ބިލުތަކަށް ބަހުސް ކުރުމަށް މަޖިލީހުގައި ހޯމަ ދުވަހު ހަ ގަޑިއިރު ހޭދަކުރިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް އެންމެ ފުރަތަމަ ބަލައިގަތަކީ ކޮރަޕްޝަން ހާމަކުރާ މީހުންނަށް ރައްކާތެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލެެވެ. ވިސްލްބްލޯވކުރާ ފަރާތްތަކަށް ރައްކާތެރިކަންދިނުމުގެ ނަމުގައި ހުށަހެޅި އެ ބިލު މަޖިލީހަށް ބަލައިގަތީ 42 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިސާރާ ކުރަން ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކެމެޓީއަށެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް އެއަށްފަހު ބަލައިގަތީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ބާރު ދޭ ގޮތަށް ހުށަހަޅާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އަތުލި ބާރުތައް އަލުން އެ އެޖެންސީއަށް ދިނުމަށް ހުށަހެޅި އެ އިސްލާހު 46 މެމްބަރުންގެ އިއްތިފާގުން ބަލައިގަނެ، އިގްތިސާދީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.
އޭގެ އިތުރުން ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު 46 ވޯޓުން ބަލައިގަނެ އިގްތިސާދީ ކޮމެޓީއަށް ވަނީ ހޯމަ ދުވަހު ފޮނުވާފައެވެ. އަދި ހަތަރު ވަނަ ބިލެއްގެ ގޮތުގައި ބަލައިގަތީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލު ބަލައިގަތީ 46 މެމްބަރުންގެ ވޯޓުންނެވެ.
ދިވެހި ބަހުގެ އެކަޑަމީން ހެރިޓޭޖު މިނިސްޓްރީއަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތީ 46 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރަން ފޮނުވީ އިޖުތިމާއީ ކޮމެޓީއަށެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އެންމެ ފަހު ބިލެއްގެ ގޮތުގައި ބަލައިގަތީ ދަނޑުވެރިކަމަށް ރާއްޖެ އެތެރެ ކުރާ އެއްޗެއްސަށް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާ އެސްޕޯޓް އިންޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލު ބަލައިގަތީ 45 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ މަރުހަލާތައް ފުރިހަމަނުކޮށް، މަޖިލީހުގެ ރިޔާސަތަށް ލިބިދޭ ބާރުގެ ދަށުން ބިލުތައް އަވަސްކުރުމަށް ގެންގުޅޭ ސިޔާސަތާ ގުޅިގެން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ހޯމަ ދުވަހުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ފާޑުކިޔުން އަމާޒު ކުރައްވާފައެވެ. ބައެއް މެމްބަރުން ވިދާޅުވީ ބިލުތައް އަވަސް އަރުވާލައިގެން މަޖިލީހުގެ ތެރެއިން ފުރިހަމަ ކުރުމަކީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ގެންގުޅުއްވި ސިޔާސަތެއް ކަމަށާއި މަސީހު އަމަލު ކުރެއްވި ގޮތަށް ގާސިމް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.