ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ އެއް ސިޓީ ކަމަށްވާ ޗެންނާއީގައި ދިވެހިންނަށް ދިމާވާ ދަތިތަކާއި، އެކަންތައްތައް ހައްލުކުރުމާ ބެހޭ ގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.
މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވަނީ މިނިސްޓަރ ޝާހިދުގެ އަރިހަށް ހޯމަ ދުވަހު ޗެންނާއީގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޑރ. ހިޝާމުއްދީން ޕާޕާ ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައެވެ. މި ބައްދަލުވުން އޮތީ ފޮރިންގ މިނިސްޓްރީގައެވެ.
Honorary Consul of #Maldives in Chennai Dr Hisamuddin Papa calls on Minister Shahid.
— MFA Maldives (@MDVForeign) December 10, 2018
Discussed challenges faced by Maldivians travelling to, and residing in Chennai, and how they may be resolved pic.twitter.com/gz9utlHabd
މި ބައްދަލުވުމުގައި ޗެންނާއީގައި ދިރިއުޅޭ އަދި އެ ސިޓީއަށް ޒިޔާރަތްކުރާ ދިވެހިންނަށް ދިމާވާ އެކި ދަތިތަކާއި، އެދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މަޤާމާ ހަވާލުވެވަޑައިގެންނެވި ހަފްތާގައި އިންޑިއާއަށް ވަޑައިގެން، އެ ޤައުމުގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވާފައެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އައު ވިސާ އެއްބަސްވުމެއްގައި ސޮއި ކުރާނެކަން އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.